ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަގު ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކޭބަލް ނެޓްވޯކަށް ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.
ސްޓެލްކޯއިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ކޭބަލްތަކަށް ގެއްލުންވެ ހިދުމަތަށް ބުރުއަރެމާއާ ގުޅިގެން ނެރުނު ނޫސްބަޔާނުގައެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެންކަމަށެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް، ހިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ހިދުމަތް ދީފައިކަމަށެވެ.
ސްޓެލްކޯއިން ބުނީ ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުންކަމަށެވެ. އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވާކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި އެ ގެއްލުން އެ ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައިކަމަށް ބުނެފައިވެއެވެ.
މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ދަތިތަކެއް ކުރިމަތިވެ، އަސާސީ ހިދުމަތްތަކަށް ބުރޫއަރާ، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާކަމަށް ސްޓެލްކޯއިން ބުނެއެވެ. މައި ކޭބަލަށް ގެއްލުން ލިބުމާއި ގުޅިގެން އެކުންފުނިން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިކަމަށް ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ، ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައިކަމަށެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެކަމަށް ގަބޫލުކުރާކަމަށެވެ. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން އެ ކުންފުންޏަށް އެންގުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް ބުނެއެވެ.
މީގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށާއި އެހެންކަމުން، މިފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.

