ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން ބޭނުން ނުކުރަން މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހޭންޑީ ވޯޓަރ ބޮޓްލިންގ ޕްލާންޓުން އުފައްދާ 'ހޭންޑީ' ބްރޭންޑުގެ ބިއްލޫރި ފުޅީގެ ފެން މަނާ ކުރީ، ޖަރާސީމުން ތަޣައްޔަރުވެފައިވާތީ ކަމަށާއި، މި ފެނަކީ ބޯން ކަމުދާ ފެނެއް ނޫން ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ، ތަޣައްޔަރުވެފައިވަނީ ހޭންޑީ ބްރޭންޑުގެ 330 އެމް.އެލް، 500 އެމް.އެލް އަދި 1 ލީޓަރުގެ ބިއްލޫރި ފެން ފުޅިތަކުގައި ހުރި ފެން ކަމަށެވެ. އަދި މި ފުޅިތައް ތަޙުލީލު ކުރިއިރު، ބޯފެނުގައި ހުރެގެން ނުވާނެ ފަދަ ޖަރާސީމުގެ އަސަރު ފެނިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ފެނުގެ ތަޙުލީލު ނަތީޖާ ދައްކާ ގޮތުން، މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ބޯފެނުގެ މިންގަނޑަށް ފެތޭ ފެނެއް ނޫންކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ޢާންމު ޞިއްޙަތަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެމްއެފްޑީއޭއިން ވަކި ގޮތެއް އަންގަންދެން މި ބްރޭންޑުގެ ބިއްލޫރި ފުޅިތަކުގެ ފެން ބޭނުން ނުކުރުމަށް ވަނީ ޢިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްއެފްޑީއޭގެ ނަންބަރު 3034213 ނުވަތަ 7603204 ފޯނަށް ގުޅުއްވުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.


