ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 2ގެ ގެ ކުރިމަތިން ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، މިއަދުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބައެއް ބަދަލުތައް ނެގެވިފައިވާ ކަަމަށެވެ. އެގޮތުން ވެލާނާ އެއާޕޯޓުގެ ޓާރމިނަލް 2 ބޭނުންކުރާ ފަސިންޖަރުންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދު 10:00 އިން ފެށިގެން، ޓަމިނަލް ދޭއްގެ ކުރިމަތިން އެވާ ސަރަހައްދަކީ ފަސިންޖަރުންނަށް ޓެކްސީތަކަށް އަރާ ފޭބޭނެ ސަރަހައްދެއް ކަމަށް ކަނޑައަޅާފައިވާ ކަަމަށެވެ.
މި އިންތިޒާމުގެ ދަށުން ޓާމިނަލް ދޭއްގެ އެރައިވަލްގެ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ބޭލުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އަދި މި ސަރަހައްދުގައި ފަހަރަކު ހަތަރު ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައި ހުންނާނެ ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

އަދި ޓަމިނަލް ދޭއްގެ ޑިޕާޗަރ ކުރިމަތިން ބުރާއި ދެމެދުގައިވާ ސަރަހައްދަކީ ފަސިންޖަރުން ޓެކްސީއަށް އެރުމަށްޓަކައި ހާއްސަ ކުރެވިފައިވާ ސަރަހައްދު ކަމަށާއި މި ސަރަހައްދުގައި ފަހަރަކު ފަސް ޓެކްސީއަށް މަޑުކުރެވޭނެ ސްލޮޓްތައް ފާހަގަކުރެވިފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ގެނެވުނު ބަދަލަށް އެންމެހާ ފަރާތްތަކުން އަހުލުވެރިކޮށް ޓްރެފިކް ފްލޯ މެނޭޖްކުރުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

