logo

ރައީސް މުއީޒުގެ ސްޕެޝަލް އެންވޯއީ، ވަހީދު އިސްތިއުފާ ދެއްވައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ވަހީދުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް މުއިއްޒަށް ފޮނުއްވާފައި ކަމަށެވެ.

ވަހީދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނުބުނެއެވެ. ނަމަވެސް ވަހީދު އިސްތިއުފާ މިދެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ބޮޑު ރިންގެއް ހިންގަމުންދިޔަ އެމެރިކާގެ ޖެފްރީ އެޕްސްޓީން އާއި ވަހީދު ގިނަ މުއާމަލާތްތަކެއް ހިންގެވިކަން ބޭޒާރުވެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

އެމެރިކާގެ ޖަސްޓިން ޑިޕާޓްމެންޓުން އާންމު ކުރި ލިޔެކިޔުންތަކާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުން ބުނީ ވަހީދު، އެޕްސްޓީން އަތުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ ވާހަކަ ވެސް ދައްކާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހިނގާ ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން ވެސް ވަހީދު އެޕްސްޓީންއަށް މައުލޫމާތު ހިއްސާކޮށްފައިވާކަން ހާމަވާ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި އަލަށް އާންމު ކުރި ލިޔެކިޔުންތަކުގައި ވަހީދުއާއި ގުޅޭ ނުވަތަ އޭނާގެ ނަން ހިމެނިފައިވާ 649 ޑޮކިއުމެންޓް އެބައޮތެވެ. އަދި ވަހީދު، އެޕްސްޓީންއާއި ވަކިން އެކި ފަހަރު މަތިން ބައްދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރައީސް މުއިއްޒުގެ ސްޕެޝަލް އެންވޯއިގެ މަޤާމަށް ވަހީދު އައްޔަން ކުރެއްވީ 2025 ވަނަ އަހަރުގެ މެއި 26 ވަނަ ދުވަހު އެވެ.

ad