ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަމްބަރު ޕްލެޓް ބޭނުން ކުރާ ގޮތަށް ހަމަަޖައްސާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް ވެހިކަލްތަކުގައި ފެހި ކުލައިގެ ނަމްބަރު ޕްލޭޓް ހަރުކޮށް ބޭނުން ކުރަން ފަށާނެ ކަމަށާއި، މީގެ ސަބަބުން މަގުތަކުން ފަސޭހައިން ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށްޓާއި ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގެނައުމާއި ގުޅޭގޮތުން ރައިސް ޑރ. މުޙައްމަދު މުއިއްޒު ކޮޕް 29 ގައި އިއުލާނު ކުރެއްވި ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އަލަށް ތައާރަފް ކުރާ މިފަދަ "އީވީ ވެހިކަލް" ތަކުގެ ނަންބަރު ބޯޑު ނަމޫނާއެއް ހިއްސާ ކުރައްވާފައެވެ. އެގޮތުން މިފަދަ ޓެކްސީތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ ކުލައިން އަކުރު ޖަހައިގެންނެވެ. އަމިއްލަ އުޅަނދުތަކުގައި ބޭނުންކުރަނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު ކުލައިން އަކުރު ޖަހައިގެންނެވެ.
އާއްމުކޮށް ބޭނުން ކުރާ ޓެކެސީތަކުގައި ހުންނަނީ ރީނދޫ ކުލައިގެ ބޯޑެއްގައި ކަޅު ކުލައިން އަކުރު ޖަހައިފައެވެ.
އިލެކްޓްރިކް ވެހިކަލްތަކުގެ ނަމްބަރު ޕްލެޓަށް ބަދަލު ގެނަުއުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން ވަނީ މާލެ ސަރަހައްދަށް ތިމާވެއްޓާ ރައްޓެހި ވެހިކަލް ބޭނުންކޮށްގެން ތެކްސީގެ ހިދުމަތް ފެށުމަށް ނިންމާފައެވެ. އެގޮތުން ސަރުކާރުގެ ޓެކްސީ ލައިނެއްގެ ހިދުމަތް ކުރިއަށް އޮތް ފިތުރު އީދު ދުވަހު ފަށަން ތައްޔާރުވަމުންދާކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ޓެކްސީ ލައިންގެ ހިދުމަތް ފަށާއިރު ފުރަތަމަ ބުރުގައި 150 ކާރު ބޭނުންކުރާނޭ ކަމަށެވެ. ސަރުކާރުން ޓެކްސީ ލައިން ހިންގުމަށް ނިންމާފައިވަނީ ރައްޔިތުންނާ ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީ މެދުވެރިކޮށެވެ.

