logo

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު ހުޅުވައިފި

އާމިނަތު މޫސާ
9 ގަޑިއިރު ކުރިން

ކުޅުދުއްފުށީ ސިޓީގެ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ގާއިމުކުރި އިމަޖެންސީ ރޫމާއި ޑައިލިސިސް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އީއާރް ހުޅުވައިދެއްވުމަށްފަހު މެޑަމް ސާޖިދާ ވަނީ އެ ތަނުގެ ހިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި ޑައިލަސިސް ސެންޓަރު ވެސް އެކަމަނާ ބައްލަވާލައްވާފައިވެއެވެ.

މީގެ އިތުރުން، އަލަށް ތަރައްގީކުރި ޑައިލިސިސް ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދާ ގޮތްވެސް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވި އިމަޖެންސީ ރޫމަކީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ފަރުމާކޮށްފައިވާ ތަނެކެވެ. ޖާގައިގެ ގޮތުން ތަނަވަސް މި ތަނުގައި ހަ އެނދާއި، ޕްރޮސީޖަރ ރޫމެއްގެ އިތުރުން ސްޓާފް ލައުންޖެއް ހިމެނެއެވެ.

މި ބަދަލާއެކު ބަލިމީހުންނަށް ފަސޭހަކަމާއެކު އަވަސް ފަރުވާ ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ކުރިން އެ ހޮސްޕިޓަލުގައި އިމަޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތެރޭގައި ހުންނަ ވޯޑެއްގައެވެ. ނަމަވެސް އައު އިމަޖެންސީ ރޫމް ހުޅުވުމާއެކު، ސީދާ އެ ތަނުގެ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރިކުރެވޭނެއެވެ.

މީގެ ސަބަބުން ކުއްލި ހާލަތްތަކުގައި ބަލިމީހާއަށް ދެވޭ ފަރުވާ އަވަސްވެ، ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.މީގެ އިތުރުން، 2013 ވަނަ އަހަރު ހަތަރު އެނދާއެކު ޚިދުމަތް ދޭން ފެށި ޑައިލިސިސް ސެންޓަރު މިހާރު ވަނީ އަށް އެނދަށް އިތުރުކޮށް ފުޅާކޮށްފައެވެ.

މިއަދު ހުޅުވި އައު ޑައިލިސިސް ސެންޓަރުގައި ޚާއްސަ އައިސޮލޭޝަން އެނދެއް ހިމެނޭއިރު، އައިސީޔޫގައި ތިބޭ ބަލިމީހުންނަށްވެސް ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމް ވަނީ ގާއިމުކޮށްފައެވެ. މި މަޝްރޫއުތަކަކީ ކުޅުދުއްފުށީގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، އެ ސަރަހައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.

ad