logo

އަތޮޅު ކައުންސިލްތަކުގެ ޚިދުމަތް އެލްޖީއޭ ދަށަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

އަތޮޅު ކައުންސިލް ތަކުން ދެމުން އައި ޚިދުމަތްތައް ދެން ދެމުން ގެންދާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަމުގައި އެ އޮތޯރިޓީ އިން ބުނެފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނީ އަތޮޅު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ އުވާލި ނަމަވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވުނަސް އެކަމަށް ޤާނޫނުގެ ތެރެއިން ހައްލު އޮތް ކަމަށެވެ.

އެލްޖީއޭއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދައިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެކަން ކުރުމަށް ބޭނުންވާ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެކަމަށް ވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު އެތަންތަނުން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ޤާނޫނުގެ ދަށުން އެއިދާރާއިން ކަމަށެވެ.

އަތޮޅު ކައުންސިލްތައް އުވިގެންދާއިރު، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި، އެ ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ ޚިދުމަތްތައް ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ދަށުން ދިނުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގެ ވަސީލަތްތަކާއި މުދަލާއި ޤާނޫނީ ގޮތުން ހަވާލުވަނީ އެލްޖީއޭއިން ކަމަށް ވިދާޅުވިއެވެ. މިއާއެކު އެލްޖީއޭގެ އޮފީސްތައް ޤާއިމްކުރުމުގެ އިޙްތިޔާރު އެއިދާރާއަށް ޤާނޫނުން ލިއްބައިދީފައިވާކަން އެލްޖީއޭއިން ފާހަގަކުރެއެވެ.

ޤާނޫނުގައި މިގޮތަށް ބަޔާންކޮށްފައި އޮތުމާއެކު، އަތޮޅު ކައުންސިލްތައް އުވާލާ އެ ތަންތަނުން އަދާކުރަމުންދިޔަ ޤާނޫނީ މަސްއޫލިއްޔަތު އެލްޖީއޭގެ ދަށަށް ބަދަލުވާނެ ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. އަދި އޮފީސްތައް ޤާއިމްކޮށް ހިންގުމުގެ އިޙްތިޔާރު އެލްޖީއޭއާށް ލިބިދީފައިވުމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޕަބްލިކް ވޯކްސް އުވާލި ނަމަވެސް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި ޤާނޫނީ އެއްވެސް ހުސްކަމެއް އަންނާނެ ކަމަށް ނުދެކޭ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.

ސަރުކާރުން އަތޮޅު ކައުންސިލްތައް އުވާލަން ނިންމާފައިވަނީ، ރައްޔިތުންނަށް ސީދާ ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ހުރި އިދާރީ ހުރަސްތައް ނައްތާލާ ޚިދުމަތް ދިނުން ހަރުދަނާ ކުރުމަށެވެ.

ad