logo

މިސަރުކާރުން އައްޔަންކުރި ވަޒީރުން ގާބިލު ކަމަށް އެމްޑީޕީން ގަބޫލުކުރޭ: ވަޒީރު ޝިޔާމް

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސަރުކާރުގެ ހިންގެވުން ހަރުދަނާކުރެއްވުމަށް އަލަށް އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން އެ ވަޒީރުންނަށް ރުހުން ދިނުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ ވަޒީރުންގެ ގާބިލުކަން ގަބޫލުކުރައްވާތީ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ބ.ކެންދޫގެ ކައުންސިލާއި ޑަބްލިއުޑީސީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވުން ފާހަގަކުރުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގަައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވި ގޮތަކީ ސަރުކާރާމެދު އެ ބޭފުޅުންގެ އިތުބާރުވެސް އޮތްކަމަށް ދަލީލުކުރާ ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނަށް ރުހުން ހޯދުމަށް ނެގުނު ވޯޓަކީ މުހިންމު ވޯޓެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އެ ވޯޓަކީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރުހުން އޮތްތޯ ބެލުމަށް ނެގުނު ވޯޓެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެންބަރުން ވަޒީރުންނަށް ރުހުން ދިނުމުގައި ވޯޓުދިން ގޮތުން މިއަދު އެ ޕާޓީން އެ މެންބަރުން "ކުޑަކަކޫ" ޖައްސާފައި ތިބި ކަމަށާ މިއީ ޑިމޮކްރަޓިކް ޕާޓީއަކުން ކަންކުރަންވާނެ ގޮތްތޯ ޝިޔާމް ސުވާލު އުފެއްދެވި އެވެ.

ޝިޔާމު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުންދަނީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކެއް ހާސިލުކުރުމަށް ކަމަށާ އެއީ ގައުމީ ވަތަނީ މަސައްކަތެއް ނޫންކަމަށެވެ. އަދި އެއީ އަމިއްލަ މަންފާއާއި ފައިދާތަކެއް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް ވަޒީރު ސިފަކުރެއްވިއެވެ.

ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ފެންނަ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދެއްވާފައިވާތީ، އެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވަޒީރު އިހުސާނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ޖުމްލަ 70 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މީގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެ މެމްބަރުންނަކީ ހުޅުމާލެ ދެކުނު ދާއިރާގެ އަޙްމަދު ޝަމްހީދާއި، ގަލޮޅު އުތުރު ދާއިރާގެ މުޙައްމަދު އިބްރާހީމް (ކުޑޫ) އާއި، ހަނިމާދޫ ދާއިރާގެ ޢަބްދުލްޣަފޫރު މޫސާއާއި، ކެންދޫ ދާއިރާގެ މަޢުރޫފް ޛާކިރުގެ އިތުރުން ތޮއްޑޫ ދާއިރާގެ ޙުސައިން ސަމީރާއި، ކެޔޮދޫ ދާއިރާގެ މުޙައްމަދު ނިއުޝާދާއި، މާވަށު ދާއިރާގެ އަޙްމަދު ޝާކިރު އަދި މަރަދޫ ދާއިރާގެ އަޙްމަދުދީދީ އެވެ.

އެ ވޯޓުގައި ވަޒީރު އިހުސާނަށް ރުހުން ދޭން ނުފެންނަ ކަމަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެކަންޏެވެ.

ޝިޔާމު ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރަމުންދަނީ ސިޔާސީ ގޮތުން އަމިއްލަ މަންފާތަކެއް ހާސިލުކުރުމަށް ކަމަށެވެ. އެއީ ގައުމީ ވަތަނީ މަސައްކަތެއް ނޫންކަމަށާއި، އެއީ އަމިއްލަ މަންފާއާއި ފައިދާތަކެއް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް ވަޒީރު ސިފަކުރެއްވިއެވެ.

ad