logo

އިބުރޭ އާއި މައުރޫފްގެ މަގާމު އިއާދަކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު އަޙްމަދު މައުރޫފްގެ މަގާމުތައް އަލުން އިއާދަކޮށްފިއެވެ.

އިބުރޭ އާއި މައުރޫފް މަގާމުން ވަކިކުރި ކަން އެ ބޭފުޅުންނަށް އެންގީ މި މަހުގެ 7 ގައެވެ. ނަމަވެސް އެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް އެމްޑީޕީން ނުބުނެއެވެ. އިބުރޭ އާއި މައުރޫފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި ތިއްބެވި ދެ ބޭފުންނެވެ. ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާގައި، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، އަބްދުލް ގަފޫރު (ގަޕޯ) ވަނީ އިބްރޭ އާއި މައުރޫފް މަގާމު އިއާދަކުރިކަން ހާމަކުރައްވައިފަ އެވެ. ވަގުތީ ޗެއާޕާސަން އަބްދުލް ޣަފޫރު (ގަޕޯ) ވަނީ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި އެ ދެބޭފުޅުންގެ މަގާމް އިޔާދަ ކުރައްވާފައިވާ ކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ދެ ބޭފުޅުން ވަކިކުރަން ފޮނުވި ލިޔުންތައް މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.

އަދި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެދި އެ ޕާޓީގެ 55 މެންބަރުން ސޮއިކޮށް މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ޕެޓިޝަން ވެސް އަނބުރާ ގެންގޮސްފައިވާކަން ވެސް ރޭ އިއުލާން ވެސް ކުރި އެވެ.

އެމްޑީޕީގެ އެތެރޭގައި މި މައްސަލަތައް އުފެދެން މެދުވެރިވީ، އެ ޕާޓީގެ އިންތިޚާބީ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ނުދިނުމާ ގުޅިގެންނެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް ވެސް އެ ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިނުވެވެ.

އޭގެ ފަހުން ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެ އިބްރާހިމް ވަހީދު މަގާމުން ދުރުކުރިއެވެ. ނަމަވެސް އެ ނިންމުމަކީ ގަވާއިދާ ޚިލާފު ނިންމުމެއްކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތައް މިހާރު ވަނީ ހައްލުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެގޮތުން ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަންނަވާ ގޮތަށް، ޕާޓީގެ ޗެއާޕާސަން އަށް ލަފާ ދޭނެ ވަގުތީ ކޮމިޓީއެއް ގައުމީ މަޖިލިހުން ރޭ ވަނީ އެކުލަވާލައިފަ އެވެ.

ad