ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ކިތަންމެ ނުފޫޒެއް ފޯރުވިނަމަވެސް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކެމްޕެއިން ތަރުޖަމާން ޢަބްދުالله ވަޙީދު ވަނީ ސިނާއީ މަސައްކަތްކުރާ ރަށްރަށާއި، ބޭރުޤައުމުތަކުގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަނުން ނިންމި ނިންމުމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.
މިހާރު އޮތްގޮތުން ރާއްޖެއިން ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓުލުމަށް މަދުވެގެން 2,000 މީހުން ރަޖިސްޓަރީކޮށް، މަދުވެގެން ކޮންމެވެސް އެއް ދާއިރާއަކުން 40 މީހުން ރަޖިސްޓަރީވެފައިވާނަމައެވެ. މިކަމާ ގުޅިގެން ވަހީދު ވިދާޅުވީ، އެތަންތަނުގައި ވޯޓުފޮށި ނުބައްހައްޓަން ނިންމުމަކީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ނިންމުމެއް ކަމަށެވެ. ވަހީދު ވިދާޅުވީ، 400 އެހާ މީޙުން ދިރިއުޅޭ ރަށްރަށުގައި ވޯޓުފޮށި ބެހެއްޓޭއިރު، ހާހުން ދިވެހިން އުޅޭ މެލޭޝިއާ އަދި ލަންކާ ފަދަ ތަންތަނުގައި ވޯޓުފޮށި ނުބެހެއްޓެންވީ ސަބަބެއް ނެތްކަމަށެވެ.
ވަހީދު ވިދާޅުވީ، ކައުންސިލު އިންތިހާބަށް އެމްޑީޕީން ދަނީ ވަރަށް ވަރުގަދައަށް ތައްޔާރުވަމުން ކަމަށާއި، އެގޮތުން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު ވެސް ހުންނެވީ އައްޑޫ ސިޓީގައިކަމަށެވެ.
ވަހީދު ވިދާޅުވީ ގިނަ އަދަދަކަށް ދިވެހިން އުޅެމުންދާ އެ ޤައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށްޓަކައި އެހާ ބޮޑު އަދަދެއްގެ ރަޖިސްޓްރޭޝަނެއް އޮންނަން ޖެހޭނެ ކަމަށް އެމްޑީޕީން ޤަބޫލުނުކުރާ ކަމަށެވެ. އެގޮތުން ވޯޓުލުން އޮންނަދުވަހު އެމްބަސީތަކުގައި މަސައްކަތްކުރާ ދިވެހިން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނެސް އެފަރާތްތައް ވޯޓުލައްވަން މަސައްކަތް ކުރަމުންދާކަމަށް ވަހީދު ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބަކީ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ދޭންޖެހޭނެ އިންތިހާބެއްކަން ފާހަގަކުރަމުން ވަހީދު ވިދާޅުވީ، އިލެކްޝަނުން މަސައްކަތްކުރަމުން ދަނީ ސަރުކާރުގެ ނުފޫޒުގެ ތެރެއިންކަމަށެވެ.
ވަހީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެގެން އަންނައިރު، ސަރުކާރުން މުއައްޒަފުންނަށް ބިރުދައްކައި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

