logo

ފިތުނަ ފަސާދަ އުފައްދައިގެން ބައިބައެއް ނުކުރެވޭނެ، މިތިބީ ރައީސް މުއިއްޒާއެކު: އަބްދުއްރަހީމް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ފިތުނަ ފަސާދަ އުފައްދައިގެން ޕީއެންސީ ބައިބައި ނުކުރެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ އެކީގައި ސާބިތުކަމާއެކު ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް ހުށަހެޅުމެއް ހުށަނާޅުއްވާ ކަމަށެވެ. އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއްކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

View post on Twitter

އޮންލައިން ނޫހަކުން ފެތުރި ހަބަރުގައި ވަނީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ކުރިއަށް ގެންދިޔުމުގެ ފުރިހަމަ ބާރު ލީޑަޝިޕަށް ދިނުމަށާއި ލީޑަޝިޕުން ބޭނުންވާ ގޮތަކަށް އެ ކަންކަން ނިންމުމަށް ރައީސް ޑރ. މުއިއްޒު ޕީއެންސީ ސެނެޓަށް ހުށަހެޅުއްވި ކަމަށެވެ.

އެކަމަކު، ޕީއެންސީ ސެނެޓުގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސް ނުވި ކަމަށް އެ ނޫހުގައިވެއެވެ.

ސެނެޓުން ނިންމީ ކޮންގްރެސްގެ ކަންކަން ނިންމުމުގައި ހަމައެކަނި ލީޑަޝިޕަށް ބާރު ދިނުމުގެ ބަދަލުގައި، އާންމު މެންބަރުންގެ ބައިވެރިވުން އޮންނަ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ކަމަށް ވެސް އެ ނޫހުގައި ލިޔެފައިވެއެވެ.

ޕީއެންސީ ސެނެޓަކީ ރައީސް ޑރ. މުއިއްޒަށް ތާއީދު ކުރައްވާ މެމްބަރުން ތިއްބެވި ތަނެކެވެ. އެކަން އެންމެ ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީން ނެގި ވޯޓުގައި ވެސް ސާފުވެފައިވެއެވެ. ރައީސް ޑރ. މުއިއްޒަށް ޕީއެންސީގެ ޓިކެޓު ލިބިފައި ވަނީ ޕީއެންސީގައި ތިއްބެވި ސެނެޓް މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ad