ޒުވާނުންގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހެވެ.
ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު އިނާމު ދޭނީ 2025 އިން 2026 އަށް ހުށަހަޅާ ޒުވާނުންނަށް ކަމަށެވެ.
އެގޮތުން ތަފާތު 22 ދާއިރާއަކުން އިނާމު ދޭއިރު ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް އިނާމުގެ ގޮތުގައި ހާއްސަ އެވޯޑަކާއި ސެޓްފިކެޓް ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފަރި އާއި އިގްތިސާދު
- ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލިޖީ އަދި ޑިޖިޓަލައިޒޭޝަން) ދާއިރާ
- އާޓްސް އެންޑް ކަލްޗާ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިންް)
- ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި
- މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރި ކުރުމަށް މަސައްކަތްކުރުން
- ދިވެހި ބަސް ކުރިއަރުވައި އާލާކުރުން
- ދިރާސާ ކުރުން އަދި އާ އުފެއްދުންތައް
- ޓޫރިޒަމް
- ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ
- ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުން
- އިސްލާމްދީން
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތް ކުރުން
- ވޮލެންޓިއަރިޒަމް
- މަސްވެރިކަން
- ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
- ދަނޑުވެރިކަން
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޝަރުތުހަމަވާ ޒުވާނުން އަންނަ ޑިސެމްބަރު 31ގެ ކުރިން ފޯމު ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފަ އެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު https://shorturl.at/6RwO0 ލިންކުންނާއި ވެލާނާގެ 3 ވަނަ ފަންގިފިލާ މެއިން ރިސެޕްޝަުން ލިބެން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30އިން މެންދުރު 02:00އަށެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ނަމަ މިނިސްޓްރީގެ މެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އިނާމެކެވެ. އެއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

