ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުގައި ކުށްކުރުން މަދުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ނ. މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ މީގެ ކުރިން ޕޮލިސް ސްޓޭޝަންތައް ހުޅުވި ރަށްރަށުން ފެންނަނީ ވަރަށް ރީތި ނަމޫނާއެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރަށްރަށުގެ ކުށުގެ މާހައުލު ބަދަލުވެ، ކުށްކުރުން މަދުވެފައިވާ ކަމަށެވެ.
"ހާއްސަކޮށް މި ހިސާބުގައި ގެވެށި އަނިޔާގެ މައްސަލަތަކާ އެއްޗެހި ރިޕޯޓުކުރާވަރު ގިނަ. މި ބާވަތުގެ ކަންކަމަށް ވަރަށް ޕޮޒިޓިވް އިމްޕެކްޓެއް އައިސްފައި އެބަހުރި. ވަރަށް ބޮޑުތަނުން ކުޑަވެފައި އެބަހުރި. އެހެން ރަށްރަށުގައި އަމިއްލަ ސްޓޭޝަން ހަދައިގެން މަސައްކަތް ފެށި ހިސާބުން. އެހެންވީމާ، އަޅުގަނޑު އެދެން މި ރަށުގައި ވެސް އެ ރޫހުގައި މި ރަށުގައި ތިއްބަވާ ފުލުހުން އެ ގޮތުގައި އެ މަސައްކަތްތައް ކޮށްދެއްވުމަށް،" އިހުސާން ވިދާޅުވި އެވެ.
ރައްޔިތުންނާ ގުޅިގެން ވީހާ ވެސް ގާތުން ރައްޔިތުންނަށް އެންމެ އެދެވޭ ގޮތަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ވެސް މިނިސްޓަރު ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ރީޖަން ކޮމާންޑަރު ވެސް ބައިވެރިވެ ވަޑައިގަތް ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މުޖުތަމައު ތެރޭގައި އޮންނަންޖެހޭ ހަމަޖެހުން އެންމެ ފުރިހަމައަށް ގާއިމުވާނީ ރައްޔިތުން ވެސް ފުލުހުންނާ އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ބޭނުންވާ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމާއި، ފުލުހުންނަށް ދިމާވާ ކަންކަމުގައި އެހީތެރިކަންދިނުމާއި ފުލުހުންގެ ހިދުމަތަށް އެދޭ ހާލަތުގައި ވީހާވެސް އަވަހަކަށް އެ ހިދުމަތް ދިނުމަށް އެދިވަޑައިގަތެވެ.

