ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނާ އެކު ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެ މަގާމަށް އިއުލާނުކުރީ ހައި ކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ވަކީލުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނު އަދި ޑްރަގު ކޯޓުގެ ގާޒީ އާދަމް އާރިފް ފާހަގަކޮށްލެވެ އެވެ.
ހައި ކޯޓަށް ކުރިމަތިލެއްވި ބޭފުޅުން ގެ ތެރޭގައި ޝުޖާއު އުސްމާން، އާދަމް އާރިފް، ހަސަން ފަހީމް، އަހްމަދު ޒިޔާދު، އަލީ ރިޒާ އިސްމާއިލް، މުޙައްމަދު އިބްރާހިމް، އަބްދުއް ސަލާމް، އަހްމަދު ޝިފާޢު ގެ އިތުރުން މަރްޔަމް ޙަނީފާ ޚާލިދު ހިމެނެއެވެ.
ޖޭއެސްސީން ދެން ކުރިއަށް ގެންދާނީ މި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުތު ހަމަވޭތޯ ބެލުމަށް ފަހު، އިންޓަވިއު ކުރުމުގެ މަރުހަލާ އެވެ.
ހައި ކޯޓަށް ފަނޑިޔާރަކު ހޯދުމުގެ މަސައްކަތް ޖޭއެސްސީން ކުރަމުން އަންނައިރު މިހާރު އެ ކޯޓުގައި ތިބި 11 ފަނޑިޔާރުންގެ ބެންޗު، 15 ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.

