-
-
logo

ރިޕޯޓް: ކައުންސިލް އިދާރާ ދޮރުމަތީ ތަންމަތި އަޅައިގެން އޮށޯންނަ ހިސާބަށް ނުގޮސް މި ޤައުމުގައި ޙައްޤު މިންވަރު ނުލިބޭނެތޯ؟

މުސްލިމާ ޙަސަން
13 ދުވަސް ކުރިން
ރިޕޯޓް: ކައުންސިލް އިދާރާ ދޮރުމަތީ ތަންމަތި އަޅައިގެން އޮށޯންނަ ހިސާބަށް ނުގޮސް މި ޤައުމުގައި ޙައްޤު މިންވަރު ނުލިބޭނެތޯ؟

ވިލިނގިލީ ކައުންސިލް އިދާރާ ދޮރުމަތީ އޮވެ ޙާލިދާ އިހްތިޖާޖް ކުރަނީ

ސޯޝަލް މީޑިއާ މިއީ ވަރަށް ކަމުދާ ޕްލެޓްފޯމެކެވެ. ކަމެއްވާއިރަށް ހުރިހާ ޝުއޫރެއް ބަންޑުން ކޮށްލާ މިއީ ދެވަނައެއްނެތް ޕްލެޓްފޯމޭވެސް ބުނެވިދާނެއެވެ. ދުވަހުގެ އިރު މެދުނުޖެހެނީސް މިއަދު އަންހެނަކު ހައްގު ހޯދަން ކަންއުންސިލެއްގެ އިދާރާ ދޮރުމަތީ ބަޑަހަޖަހައިގެން އޮތް ވީޑިއޯ އެއް އާންމުވިއެވެ.

ވީކިހިނެއް؟ އެއްބަޔަކު އެ އަންހެންމީހާ އެހެން އޮއްވާ ލައިވް ކުރީ އެވެ. އަނެއްބަޔަކު އޭނާ އާއެކު އިހްތިޖާޖްގަ ބައިވެރިވެގެން ކައިރީގަ ތިބެ އަޑު އުފަލަމުން ދިޔައެވެ. ވެގެން އުޅެނީ ކޮންކަމެއްތޯ ބަލާލަން ނިކަން ބޭނުންވިއެވެ. ކައުންސިލް އިދާރާގެ ދޮރުމަތީގަ އޮށޯވެ މިއޮތީ އަންހެނެއް ވިއްޔާއެވެ. ނުބަލާ ދޫކޮށްގެން ފަރުވެސް ނުޖެހޭނެ ނޫން ހެއްޔެވެ.

ވިޑިއޯތަކުގައި ހުރި ކޮމެންޓްތައް ވަރަށް ތަފާތުކޮށެވެ. ވީގޮތް އެނގި ސާފްވިއިރު ކަމަކުދާކަށް ނެތެވެ. އަންހެނެއްގެ ހައްގު އަސްލަށްވެސް ގެއްލި އޭނާ މަގުމަތިވީއެވެ. އޭނާ އެތާ ބަނޑަހަ ޖަހައިގެން އޮތީ އޭނާގެ ހައްގު ހޯދާށެވެ. ވިޑިއޯގައި އޭނާގެ ޝުއުއޫރުތައް ބަންޑުންކުރަމުން ދިޔައިރު ނިކަން އަސަރުވެސް ގަދައެވެ. ބޯހިޔާވަހިކަމެއް ނުލިބި އޭނާ ތަހައްމަލުކޮށްފައިވާ ދަތި ދުވަސްތައް ނިކަން ސާފް ވެގެންދިޔައެވެ. ވީޑިއޯ ނިކަން ކަނުލާ އަޑުއަހަން ފެށީމެވެ. ހުވަދޫ ބަހުން އޭނާ ދައްކަމުން ދިޔަ ވާހަކަތައް ނިކަން ފަސޭހަ ކަމާއެކު އަހަންނަށް ދޭހަވިއެވެ.

އަހަރެން މިތާ އޮންނަންޖެހުނީ ބައްޕައާއި މަންމަ ގޯތިން އަހަންނަށް ލިބެންޖޭ ބައެއް ނުލިބި ބޯހިޔާވަހިކަމެއް ނުލިބޭތާ އެތައް ދުވަހެއްގެ ނިމުން ގެންނާށެވެ. އޭނާ ބުންޏެވެ. ޚާލިދާ އަކީ ޚާއްޞަ އެހީއަށް ބޭނުންވާ ތިންކުދިންގެ މަންމަ އެކެވެ. އޭނާ އުޅެނީ އެކުދިންނާއެކު ވަރަށް ހާލުގައެވެ.

"ޚާލިދާގެ މައިފުނު ގެއިން ނޯންނެ ތަނެއް ލިބިފަ. ހާލިދާގެ ބައްޕަގެ ގެއިން ނޯންނާނެ ތަނެއް ލިބިފަ. ހުރިހާ ގޮތަކުންވެސް ހާލިދާއެއް ލިބޭނެ ގޮތަށް ނިންމާފަ އޮއްވާ ނަޒްދާ (ކައުންސިލްގެ ނައިބު ރައީސް) ރޯ ހައުސްތަކާއި ގުޅޭ ގޮތުން ރޭ ވިލިނގިލީ ކައުންސިލް އިދާރާގަ ބޭއްވި ޖަލްސާގަ ބުނީ މި މާރކްސް ލިސްޓް ވަނީ ގެއްލިފައޭ. އާ.. ދެން ފުލުހުން ކައިރީގަ ބުނީމޭ ސިސްޓަމް ރަނގަޅުކުރަން އަންނާށޭ. ކީއްވެ ނައިބު ރައީސް މިކަން ރައްޔިތުންނަށް ނޭންގީ. ކީއްވެ މިފަދަ ބޮޑު ވައްކަމެއް ކުރީ. ދެން ޙާލިދާ ބުނީ އޭނާ ކައިރީ ޙާލިދާ އަށް ޖަވާބުދާރީ ވުމަށް. ލިސްޓް ނެރޭށޭ. ޙާލިދާ އަށް ނުލިބުނަސް އެހެން ރައްޔިތަކަށްވެސް ލިބެނޭއޭ. ޙާލިދާ އެހެން ބުނީމާ ވަރަށް ފުއްޕާފަ ބޮޑާވެފަ އޭނަ ބުނަނީ ޙާލިދާ ނެތޯ ލިސްޓްގަ އެއްވަންއިގަވެސް ދެވަނައިގަވެސް ޙާލިދާއަށް ނުލިބޭޔޯ. އެ ލިބެނީ ވިލިނގިލި ރައްޔިތަކަށް ނޫނޯ." ޚާލިދާ އޭނާގެ ޝުއޫރު އޭނާގެ ރަށު ބަހުން ފާޅުކުރިއެވެ.

ޚާލިދާ މިއަދު އޭނާގެ ރަށު ކައުންސިލް އިދާރާގެ ވަންނަ ދޮރުމަތީގައި ހައްގު ހޯދަން އޮތް އިރު، މިއީ ޚާލިދާ ފަދަ އެތައް ބަޔަކު ތައްހަމަލް ކުރާ އުދަނގޫ ހާލަތެކެވެ. ބޯހިޔަވަހިކަމެއް ނުލިބި ބޯހިޔާވަހިކަން ހޯދަމަށް ސަލާންޖަހަމުންދާ މީހުންވެސް އެހާ ގިނައެވެ.

އެއް ސަރުކާރުން ފްލެޓާއި ގޯތި ލިބި، ޕޮއިންޓް ހަމަވާކަމަށް ނިންމާނެއެވެ. އުފަލުން ހެސްކިޔާފަ ހިނިގަނޑު ފަޅައިގެންދާއިރު، އަދި އެ ހިނަގަނޑު ނުނިމި އުޅެނިކޮށް އަނެއް ސަރުކާރުން ޕޮއިންޓް ހަމަނުވާކަމަށް ނިންމާނެއެވެ. މިއީ ދެން މިހާރު ބޮޑުވެއްޖެ ކަމެކެވެ. މިކަމަށް ހައްލެއް ގެންނަން އެބަޖެއެވެ. ރައްޔިތުން ހަނާވަނީ އޭނާގެ ހައްގު ހޯދުމުގައެވެ. މަގުމަތިން ބަދިގޭ އަށި ދަށުން ރައްޔިތުން ހައްގު ހޯދަން ނުކުތީމަ ހަގީގަތުގަވެސް ލަދުވެތި ނުވޭތޯއެވެ.

ޔަގީން ކަމަކީ މިއީ ކޮންމެވެސް ބައެއްގެ އިހްމާލު ކަމެކެވެ. އިހްމާލަކަށްފަހު އިހުމާލު ތަކުރާރުވާއިރު ބަލަން ނުތިބެވޭނެ އެހެންނޫންތޯއެވެ.

ޚާލިދާ މިއަދު ނުކުމެ ވިލިނގިލީ ކައުންސިލް އިދާރާ ދޮރުމަތީ ކޮއްތާއި ފެން ހިފައިގެން އޮންނަންޖެހުނީ މިބުނާ ހައްގު ނުލިބިގެން ކަމަށް އެރަށުން އިހްތިޖާޖުގައި ބައިވެރިވި މީހުން ދިޔައީ ޝުއޫރު ފާޅުކުރަމުންނެވެ.

އެއް ސަރުކާރުން ފްލެޓް ހައްގުކަމަށް ނިންމާ ޕޮއިންޓް އެންމެ ކުރިން ލިބޭއިރު، އަނެއް ސަރުކާރުން ބަދަލުގެންނަން މި ޖައްސާ ހާލުގަ ރައްޔިތުމިހާ ހަނާވާން ތެޅޭތަން ފެންނަނީ ހަމައެކަނި ވިލިނގިއްޔަކުންވެސް ނޫނެވެ. އަދި އެ ހާލެއްގައި އުޅެނިކޮށް ދަރިންކޮޅުގެ އުމުރު ހަމަވެ އެކުދިންގެ ބައިން ލިބެންޖެހޭ ޕޮއިންޓް އުނިވެދަނީވެސް މަދެއްކޮށެއް ނޫނެވެ.

ނަމަވެސް ކަންކުރަން ހަވާލުވެތިބޭ މީހުން އެމީހުންނަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން އެތެރެއިންނާއި ބޭރުން ބޭނުންހާ ގޮތަކަށް އަމަލުކުރާތަންވެސް ފެންނަ ފެނުން އާންމުވުމުން ރައްޔިތުމީހާ ބިކަވެ އޭނާ މާޔޫސްވެދެއެވެ.

މިއީ އިންސާފެއްތޯއެވެ. އިންސާފެއް ނޫންކަން އެނގުނު ނަމަވެސް ކުރާނެ މާބޮޑު ކަމެއް ނޯވެއެވެ. މިކަމާ ރައްޔިތުން ހަމަ ބަހެއް ނުބުނެ ދޫކޮށްލުން މިއީ ރަނގަޅު ނިންމުމެއް ހެއްޔެވެ. ޚާލިދާ މިއަދު އޭނާގެ ހައްގު ކަށަވަރުކުރުމަށް ކައުންސިލް އިދާރާއަށް ވަންނަ ދޮރު ކުރިމަތީ އޮށޯންނަން މަޖުބުރުވީއެވެ. ގަދަ ހޫނަގަ ޚާލިދާ އޮތް އިރު އޭނާ އަށް ހޫނުގެ އަސަރުވެސް ނުކުރާ ކަހަލައެވެ. އޭނާ ފަދަ ބޯހިޔާވަހިކަމުން މަހުރޫމްވެފައިވާ އެތައްބަޔަކު ތިބި އިރު މި އެންމެނަށްވެސް ހައްގު އިންސާފުން ބޯ ހިޔާވަހިކަން ލިބެންޖެހެއެވެ. އެހެންނޫނީ މިފަދަ ކިތަންމެ މަންޒަރެއް އަދިވެސް ފެންނާނެއެވެ.

ad