logo

މިއުޅެނީ ކުޑަ ޓާމިނަލަކާއި ރިސޯޓަކުން ނިންމާލާކަށް ނޫން، ރާއްޖެއާ އެކު ކުރިއެރުން ހޯދަން: ސާހް ގްރޫޕް

މަރްޔަމް
13 ގަޑިއިރު ކުރިން

ރާއްޖޭގައި އިންވެސްޓް ކުރަނީ ހަމައެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް ބިނާކޮށްފައި ފައިސާކޮޅެއް ހޯދައިގެން ދާން ނޫން ކަމަށާއި އޭގެ ބަދަލުގައި ރާއްޖެއާ އެކު ކުރިއެރުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ޔޫއޭއީގެ ސާހް ގްރޫޕް ފޯ ޓެކްނިކަލް ސާވިސް (ސާހް ގްރޫޕުން) ބުނެފި އެވެ.

ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި ސޮއިިކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ސާހް ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ވިދާޅުވީ، އެ މަޝްރޫއަށް "ވެލިއުއެޑް" ކުރެވޭނެ ގޮތަކާ މެދުގައި ކަމާ ގުޅޭ ެހުރިހާ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި ޕްލޭނިންގެ މަސައްކަތުަގައި އުޅުއްވި ބޭފުޅުން ވެސް ވިސްނާވަޑައިގެންނެވީ 20 އަހަރު ފަހުން އެ މަޝްރޫއުގެ ކަންތައް އޮންނާނެ ގޮތަކާ ދޭތެރޭގައި ކަމަށް ވެސް އަލްމުތާވާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަބޫދާބީއިން މިއައީ ހަމަ އެކަނި ކުޑަ ޓާމިނަލަކާއި ރިސޯޓެއް މިތާ ބިނާކޮށްފައި، އަަޅުގަނޑުމެންގެ ފައިސާ [އިންވެސްޓްމެންޓްގެ އަގު] ހޯދައިގެން ދާކަށް ނޫން. އަޅުގަނޑުމެން މި ބަލަނީ އެކުގައި ކުރިއެރުން ހޯދަން، އިތުރު ފުރުސަތުތައް ހޯދުން. އަޅުގަނޑަށް ހީވަނީ އެ ފުރުސަތު [ރާއްޖޭގައި] އެބައޮތްހެން،" އަލްމުތާވާ ވިދާޅުވި އެވެ.

ސާހް ގްރޫޕުން ރާއްޖޭގައި ހިންގާނީ ކުރިއަށް އޮތް ޖީލުތައް ވެސް ފަހުރުވެރިވާ ފަދަ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނީ ދެމެހެއްޓެނިވި މަޝްރޫއެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، މަޝްރޫއުގައި ހިމެނޭ ބައެއް މަސައްކަތްތައް އަލްމުތާވާ ވަކިން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ތެޔޮ ރައްކާކުރާ ޓޭންކުތަކާއި އިންޑަސްޓްރިއަލް އޭރިއާއެއް ހިމެނެ އެވެ.

"އަޅުގަނޑުމެން މިތިބީ މާކެޓާ ކައިރީގައި. އަޅުގަނޑުމެން މިއުޅެނީ ދިވެހިރާއްޖެއާ ބައިނަލްްއަގުވާމީ ޝިޕިން ރޫޓާ ގުޅާލަން،" އަބޫދާބީގައި ހިންގާ ސާހް ގުރޫޕްގެ ސީއީއޯ ވިދާޅުިވި އެވެ.

އިހަވަންދިއްޕޮޅު މަޝްރޫއުއިން އުފެދޭނީ ހަމަ އެކަނި ވަޒީފާތަކެއް ނޫން ކަމަށާއި އެއީ އުތުރުގެ މުސްތަގުބަލު ބިނާކުރެވޭނެ މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޔޫއޭއީ ސަފީރު ހީބާ އަލްޖުނައިބީ ވިދާޅުވީ ރާއްޖެ އާއި އެ ގައުމާ ދެމެދު އޮތީ އެކުވެރިކަމާއި އެއްބަޔަަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވުމުގެ ގުޅުމެއް ކަމަށެވެ.

"ވިޔަފާރި އާއި އިންވެސްޓްމެންޓާއި އިގުތިސާދީ އެއްބާރުލުމުގެ ފުރުސަތުތައް މި ވަރުގަދަ ގުޅުމުން ގެންދަނީ އުފައްދަމުން،" ހީބާ ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގައި ހިންގާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" ގެ ބިޔަ މަޝްރޫއުގެ މައި އެއްބަސްވުމުގައި އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ސަރުކާރާއި އެސްޓީއޯ އާއި ޔޫއޭއީގެ ސާހް ގުރޫޕުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ހިމެނޭ ގޮތަށް ޕޯޓު ޒޯނަކާއި ލޮޖިސްޓިކްސް އާއި އިގުތިސާދީ މައި މަރުކަޒެއް ގާއިމް ކުރުމަށް މިދިޔަ ދިގު މުއްދަތުގައި ދެކެމުން އައި ތަސައްވުރު ހަގީގަތަކަށް ހެދުމަށް ލިބޭ ބާރެއް ކަމަށެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓްގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެސްޓީއޯއިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. ސާހް ގުރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓް އަހުމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ad