ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުނުކުރާތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
މި މައްސަލަ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅުއްވީ މޭޔަރު އާދަމް އާޒިމެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެމްއޯޔޫއެއްގައި 2024 ވަނަ އަހަރު ސޮއިކޮށްފައިވާކަމަށެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް މަސައްކަތްތައް ކައުންސިލާ ހަވާލުކޮށްފައިވާ ކަމަށް ތަކުރާރުކޮށް ރައީސް މުއިއްޒު ވެސް ވިދާޅުވެފައިވީ ނަމަވެސް، އަދިވެސް އެތަން ކައުންސިލާ ހަވާލުކޮށްފައިނުވާކަމަށާއި އެ އެއްބަސްވުމަށް ސަރުކާރުންވެސް އެޗްޑީސީންވެސް އަމަލު ނުކުރާކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަަބަބުން އެތަނުގެ މުނިސިޕަލް ކަންކަން ހަވާލުކޮށްދޭން އެދި އެޗްޑީސީއަށް އަދި ރައީސް މުއިއްޒުގެ އަރިހުން ވެސް ތަކުރާރުކޮށް އެދިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށްޓަކައި ޝަރީއަތަށް ހުށަހަޅަން އާޒިމް ހުށަހެޅުއްވި ހުށަހެޅުން ފާސްކުރީ މިއަދުގެ ކައުންސިލްގެ ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ދިނުމުގެ ބާރު މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ކަމެކެވެ. އަދި އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްވެސް މެއެވެ. އޭރު ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ ހުޅުމާލެއަކީ މާލޭގެ ބައެއްކަމަށް ގާނޫނުގައި ލިޔެފައި އޮތުމުން ކުންފުންޏެއްގެ ދަށުން އެ އަވަށް ހިންގަމުން ދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

(4).jpg&w=3840&q=75)