logo

ހެލޯ މޯލްޑިވްސް: ބަށި މިއީ އާދަޔާ ޚިލާފަށް މީރު އެއްޗެއް، އިފްތާރް އަދި ސުހޫރަށްވެސް ބޭނުންކޮށްލަން ރަނގަޅު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 މަސް ކުރިން
ބަށި އެކި ކެއުންތަކަށް ހަމަ އެއްވަނަ

ބަށި އެކި ކެއުންތަކަށް ހަމަ އެއްވަނަ

ގޭގައި ފަސޭހައިން ހެއްދޭ ބަށީގެ ފައިދާތަކަށް ބަލައިލަމާ ހިނގާށެވެ. ބައްޓަކީ ވިޓަމިން ސީ، ވިޓަމިން ކޭ، ވިޓަމިން ބީ6، ފަދަ ގިނަ ވިޓަމިންގެ މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. ބައްޓަކީ ބަނޑުހަރުވުމުން ދުރުކޮށްދޭ އެއްޗެއްވެސް މެއެވެ. ބައްޓަކީ ކެލޮރީސް މަދު އަދި ހަޖަމުކުރުމާއި މެޓަބޮލިޒަމް ރަނގަޅުކުރުމަށް އެހީތެރިވެދޭ ޑައިޓަރީ ފައިބަރއިން މުއްސަނދި އެއްޗެކެވެ. މީގެ އިތުރުން ގިނަ އިރު ވަންދެން ބަނޑުފުރިފައި ހުންނަކަމުގެ އިހުސާސް ކޮށްދީ، މާގިނައިން ކެއުމުން ދުރުކޮށްދޭވެސް އެއްޗެކެވެ. އަދި ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދީ ކޮލެސްޓްރޯލްގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓުމަށްވެސް ބަށިން އެހީ ލިބޭ ކަމަށް ސިއްޙީ މާހިރުން ފާހަގަކުރެއެވެ.

ބައްޓަކީ ގޭގައި ފަސޭހައިން ހައްދާލެވޭ އެއްޗަކަށްވާއިރު، ދަނޑުވެރިންވެސް ހާއްސަކޮށް ބަށި ހައްދަނީ އެއަށް ބޭނުންވާ ފަސްގަނޑުރަނގަޅު ދަނޑެއްގައެވެ. ބަށި ހެއްދޭނެ ކަމަށް ދަނޑުވެރިން ލަފާކުރާ މުއްދަތަކީ 120 ދުވަހާއި 180 ދުވަހާ ދެމެދުގެ މުއްދަތެކެވެ. މި ގަސް ނުވަތަ ވެޔޮ ހެއްދެނީ ހޫނު މޫސުމުގައެވެ.

އާންމުކޮށް ބައްޓަކީ އެކި ކެއުންތަކުގައި ބޭނުންކުރުމަށް ތައްޔާރުކުރާ އެއްޗެކެވެ. އެގޮތުން އާންމުގޮތެއްގައި ކެއްކުމުގައި ބޭނުންކުރާ މި ބާވަތަކީ ޓޮމާޓޯ، މިރުސް އަދި އަލުވިއާއެކު ތައްޔާރުކޮށް އޭގެ ރަހަ ނެރެވޭ މީރު އެއްޗެކެވެ.

ދުނިޔޭގައި އެކިކަންކޮޅުތަކުގައި ތަފާތު ވައްތަރުގެ ބަށިތައް ހައްދާ އުޅެއެވެ. އެގޮތުން އާންމުކޮށް ހައްދާއުޅޭ ވައްތަރުތަކަކީ ގްރެފިޓީ ބްރިންޖަލް، ލިޓްލް ގްރީން ބްރިންޖަލް، ފެއަރީ ޓޭލް ބްރިންޖަލް، ގްލޯބް ބްރިންޖަލް، އިޓާލިއަން ބްރިންޖަލް، ޖަޕަނީސް ބްރިންޖަލް އަދި ޕިންގްޓުންގް ބްރިންޖަލްއާއި އަދިވެސް ތަފާތު ބާވަތްތަކެވެ.

ތަފާތު ވައްތަރުތަކުގެ ބަށި ރާއްޖޭގައިވެސް ބާޒާރުން ލިބެންހުރެއެވެ. މި ރޯދަމަހު ރޯދަވިއްލުމަށްފަހު ނިކަން ބަށީގެ މީރު ރަހައިން ގޭގެ ސުފުރާއަށް ދިރުމެއް ގެންނަން ކިހިނެތްވާނެތޯއެވެ. ހުސްބަނޑާ ދުވާލު ތިބުމަށްފަހު ބޭނުންކުރެވޭ ބައެއްކާތަކެތީގެ ސަބަބަން ގޭސްސްޓްރިކްވެއެވެ. މިކަމަށްވެސް ބަށިން ހައްލު ހޯދާލެވެއެވެ. އަދި ކެއުމަށްފަހު ބަނޑަށް ފަސޭހަވެއެވެ. ގޭހުގެ މައްސަލަތައް ކުރިމަތިވެދާނެތީ އެކަމުން ދުރުހެލިވާންވެސް މިއީ ކެއުމުގައި ހިމަނަން ހަމަ އެއްވަނައިގެ ބާވަތެކެވެ.

ad