ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސް އަލްޕްއަރްސްލާން ބައިރަކްތާރް އާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ބޭއްވުނީ އަންކާރާގައި ހުންނަ ތުރުކީގެ މިނިސްޓްރީ އޮފް އެނަރޖީ އެންޑް ނެޗުރަލް ރިސޯސަސްގައެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރުމަށް ތުރުކީ ސަރުކާރާ ގުޅިގެން ކުރެވެންހުރި މަސައްކަތްތަކާގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
އަދި މި ދާއިރާއިން، ޚާއްސަގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުން އިތުރުކުރުމަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ، ޢަބްދުލްވާރިޘް ސަޢީދު އާއި އެމްބަސީގެ އެޓާޝޭ މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.