ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީ އިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅާފައިވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި މިހާރު ވަނީ މަގުމަތީގެ ނިޝާންތައް ކުރެހުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ޓްރެފިކް ބޯޑުތައް ހަރުކޮށް ނިންމާފައެވެ.
އެމްޓީސީސީން ރޭ ބުނީ، ސެގްމެންޓް 4 އަދި 5 ގެ މަގުގެ ކުރެހުންތައް ވެސް މިހާރު ނިމިފައިވާ ކަމަށާއި އަދި މިހާރު ކުރިއަށްދަނީ ޕާކިންޒޯނުގެ މަސައްކަތްތަކާއި ސެގްމެންޓް 2 އަދި 3 ގެ ޕޭވްމެންޓާއި ކޭބަލް ޓްރެންޗިންގެ މަސައްކަތް ކަމަށެވެ.
ބޮޑުތަކުރުފާނު މަގަކީ މާލޭގެ ވިޔަފާރީގެ އެންމެ ބާރުބޮޑު އެއް ސަރަހައްދެވެ. މި މަޝްރޫއުގެ ދަށުން ބޭންކް އޮފް ސިލޯން ކައިރީގައި 588 ސައިކަލް ޕާކު ކުރެވޭނެ ޕާކިން ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޕާކިން ޒޯންތަކާއި ދުވާރުތައް ހެދުމުގެ މަސައްކަތަށެވެ.
އެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ގައެވެ. ހަތަރު މަސް ފަހުން އެ ސަރަހައްދު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވުމަށް ފަސޭހަވުމެވެ. ޖާގަ ތަނަވަސް ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުވުމެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ، މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ޖޫންމަހަށް ނިންމުމަށް މަސައްކަތް ކުރިނަމަވެސް އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26އަށެވެ.

(1).jpg&w=3840&q=75)