މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސްވެރިންގެ އަތުން މިއަދު ކަޅުބިލަމަސް ގަންނަ އަގު ބޮޑުކޮށް، ކިލޯއެއް 23 ރުފިޔާއަށް ގަތުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ.
މިއީ އަހަރީ ދުވަހުގެ މުނާސަބަތުގައި ދިވެހި މަސްވެރިން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކުންފުނިން ހަމަޖެއްސި ޚާއްޞަ އަގެކެވެ.
މިފްކޯއިން ވިދާޅުވީ، މިއަދު އެ ކުންފުނިން ކަޅުބިލަ މަސް ކިލޯއެއް ގަންނަނީ، 23 ރުފިޔާއަށް ކަމަށެވެ. އަދި 10އާއި 15 ކިލޯގެ ބޮޑު ކަންނެލި ގަންނަނީ، ކިލޯއެއް 20 ރުފިޔާގެ ރޭޓުން ކަމަށެވެ. ބޮޑު ކަންނެލި 15 ކިލޯއަށްވުރެ މަތިނަމަ ކިލޯއެއް ގަންނަމުންދަނީ، 25 ރުފިޔާގެ ރޭޓުން ކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.
މިއަދު މިފްކޯއަށް މަސް ގަންނަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ގދ. ތިނަދޫ ބަނދަރު، މ. މުލަކު ބަނދަރު އަދި ހއ. އިހަވަންދޫ ބަނދަރުންނެވެ.
ނޮވެމްބަރު 01 ވަނަ ދުވަހަކީ، މިފްކޯގެ އަހަރީ ދުވަސްކަމަށްވާއިރު އެ ކުންފުނިން އަންނަނީ މަސްވެރިންނަށް ރަނގަޅު އަގެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރިންނަށް ދޭ އެހެނިހެން ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި މަސްވެރިން އިތުބާރު ކުރާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުމަށް ކުންފުންޏަށް ހެޔޮ ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ.
މަސްވެރިން ބާނާ މަސް ގަނެ، އެ ތަކެތި ޕްރޮސެސްކޮށް ބޭރުގެ މާކެޓްތަކަށާއި ރާއްޖޭގެ ބާޒާރަށް ނެރުމުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ފަދަ މުހިންމު ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމުގައި މިފްކޯއިން އަދިވެސް އަންނަނީ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންނެވެ.
