ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
އެގޮތުން މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން މެންދުރު 12:00 ގެ ނިޔަލަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި މި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ހަމައެއާއެކު ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް އިތުރަށް މޫސުން ގޯސްވެ، ހެނދުނު 07:00 އިން ފެށިގެން 11:00 ގެ ނިޔަލަށް ވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މި ވަގުތުތަކުގައި، އެ ސަރަޙައްދަށް ގުގުރުމާއެކު، ވަރަށް ބޯކޮށް ވާރޭވެހެނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން މަޢުލޫމާތު ދީފައިވެއެވެ.
މެޓް އޮފީހުން ލަފާކުރާގޮތުގައި މާދަމާއިން ފެށިގެން ވިއްސާރަ އަލިވެ މޫސުން އާންމު ޙާލަތަކަށް ރުޖޫއަވާން ފަށާނެއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ
