އަންހެންކުދިންނާއި ޒުވާން އަންހެނުންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ސަރުކާރުން ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ އަންހެންކުދިންގެ ދުވަހާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން ބައިވެރިވާކަމަށެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ، އަންހެން ކުދިންނާއި ޒުވާން އަންހެނުންގެ ގާބިލުކަން އެންމެ ފުރިހަމައަށް ބޭނުންކުރުމަށް މަގުފަހިކޮށްދީ، އަންހެން ކުދިންނަކީ މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި ބައްޓަންކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ. ރައްކާތެރި އަދި އެހީތެރިކަން ލިބޭ މާހައުލެއްގެ ތެރެއިން، ގައުމީ ތަރައްގީގައި އެކަނބަލުންނަށް މާނަހުރި ދައުރެއް އަދާކުރެވޭނެ ފަދަ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
މިފަދަ ލަނޑުދަނޑިތައް ހާސިލުކުރެވޭނީ، އާއިލާތަކާއި މުޖުތަމައުގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނޭހެން، މުޅި މުޖުތަމައު ގުޅިގެން ކުރާ މަސައްކަތުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއަދު އަންހެން ދަރިން ބިނާކުރުމަށް ކުރާ އިންވެސްޓަކީ، މާދަމާގެ ހަމަހަމަ، އެންމެން ބައިވެރިވާ، އަދި ފާގަތި މުސްތަގުބަލަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަޤްވާމީ ގޮތުން އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރ މަހުގެ 11ވަނަ ދުވަހެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ "އެންޑިން ޗައިލްޑް މެރޭޖް އެންޑް އިންވެސްޓިން އިން ގާލްސް ރައިޓްސް" އެވެ.


