logo

މިހާތަނަށް 294000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައިފި

އާމިނަތު މޫސާ
2 ގަޑިއިރު ކުރިން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 294000 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު އިޙްސާން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި 295،678 ބިދޭސީން އުޅެމުންދިޔަކަމަށެވެ. އޭގެތެރެއިން 27،200 ބިދޭސީން ފިޔަވައި، ބަޔޯމެޓްރިކަލީ އައިޑެންޓިފައި ކުރެވޭނެ އެއްވެސް ވަސީލަތެއް ދައުލަތުގެ އެއްވެސް އިދާރާއަކު ނެތް ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އެ 27،200 ބިދޭސީން ފިޔަވައި ރާއްޖޭގައި އުޅެމުންދިޔަ 270،000އެއްހާ މީހުންނަކީ ކާކުކަން ނޭނގޭ މީހުންކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް 294،000 ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މިހާރު ކަންބޮޑުވާ ހާލަތުގައި އައިޑެންޓިފައިނުވެ ތިބީ، 1102 މީހުންކަމަށެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ ވޯކް ޕާމިޓުތައް ބެލެހެއްޓުމާއި، ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މިހާތަނަށް ކުރެވުނު މަސައްކަތުން ގަވާއިދާ ހިލާފަށް އުޅުނު 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ad