ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް ވަކިވާން އެދުނު މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ ރިޑަންޑަންސީ ޕޮލިސީގެ ތެރެއިން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންނަށް 4 މަހުގެ މުސާރަ ދީފައިވާ ކަމަށާއި، އެ ކުންފުނި ރައިޓް ސައިޒް ކުރުމުގެ މަސައްކަތުގެ ދަށުން މުވައްޒަފުން ދޫކޮށްލަން ޖެހުނު ޙާލަތުގައި އުޞޫލެއް އެކަށައަޅައި، އަމިއްލައަށް ވަކިވުމުގެ ފުރުޞަތު މުވައްޒަފުންނަށް ހުޅުވާލީ މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގަކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތަކީ ކުންފުނީގެ މާލީ ޙާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކުންފުނި ރައިޓްސައިޒް ކުރުން ކަމަށެވެ. މި އުޞޫލުގެ ދަށުން އިނާޔަތާއެކު އަމިއްލައަށް އެދިގެން ވަކިވުމުގެ ފުރުޞަތު މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ހުޅުވާލިކަމަށާއި އެކަމުގެ ތަފްސީލްތައް އިންޓާނަލް މެމޯއަކުން އެންގިކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަދި މި އުޞޫލުގެ ދަށުން 4 މަހުގެ މުސާރައާއެކު ވަކިވާން ބޭނުންވާ މުވައްޒަފުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ލިޔުމުން ހުށަހަޅުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ ކުންފުންޏާއި އެ މުވައްޒަފާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންކަމަށެވެ.އެކުންފުނިން ބުނީ އެކަށައަޅާ އުޞޫލަކާ ޚިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއްވާގޮތަށް އެ ކުންފުނިން އަމަލު ނުކުރާނެކަަމުގެ ޔަޤީކަންދޭ ކަމަށާއި، ބައެއް މިޑިއާތަކުގައި ހަތަރު މަހުގެ މުސާރަ ނުދޭކަމަށް ދެކެވޭ ވާހަކައަކީ ދޮގުވާހަކަތަކެއް ކަމަށެވެ.
ފެނަކައިން ބުނީ އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި 108 މުވައްޒަފަކު ވަކިވުމަށް ހުށަހަޅާފައެއެވެ.

.jpg&w=256&q=75)
