ފަސް ރުފިޔާގެ ނޫޓް މަދުވެގެން އާ ސްޓޮކެއް ޗާޕްކޮށް މާދަމާ ނެރޭނެ ކަމުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭ އިން ބުނީ ރަންދިހަ ފަހެއް ނޫޓްތަކުގެ ސީރީޒް ގެ ތެރެއިން ފަސްރުފިޔާގެ ސްޓޮކް މަދުވެގެން އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. އަލަށް ގެނައި ފަސްރުފިޔާގެ ސްޓޮކަކީ 2017ވަނަ އަހަރު 5ރުފިޔާގެ ނޫޓް ތަޢާރަފް ކުރި ފަހުން ގެނައި ފުރަތަމަ ސްޓޮކް ކަމަށް އެމްއެމް އޭއިން ބުނެއެވެ.
5ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތް ތަކުގައި ގިނަ އަދަދަކަށް ބޭނުން ކުރާ ނޫޓަކަށް ވެފައި، މި ނޫޓަކީ ބޭންކްތައް މެދުވެރިކޮށް އެމްއެމްއޭއަށް އަނބުރާ ޖަމާކުރާ މިންވަރު ދަށް ނޫޓެއްކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެހެން ކަމުން ކޮންމެ އަހަރަކުވެސް އާއްމުން ނާއި ބޭންކްތަކަށް މި ނޫޓް ގިނަ އަދަދަކަށް ދޫކުރަމުން ދާކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އަލަށް މި ނެރޭ ނޫޓްގައިވާ ތާރީޚަކީ 31ޖުލައި 2025، 6 ޞަފަރު 1447އެވެ.އަލަށް ނެރޭ ނޫޓްގައި ސޮއިކުރައްވާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި 5 ރުފިޔާގެ ނޫޓްާއި އެކު މިހާރު ދައުރުވަމުންދާ 5ރުފިޔާގެ ނޫޓްވެސް ދައުރުވަމުންދާނެކަމަށް އެމްއެމް އޭ އިން ބުނެއެވެ.

