ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެތި ކަމުގައި ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްއާއިން ފެތުރޭ ބަލިތައް ނައްތާލުމަށާއި އާންމު ސިއްހަތު ސަލާމަތްކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ރައްކާތެރި ކާބޯތަކެތީގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ކުރެވޭ ތަކެތިކަން ކަށަވަރުކުރުމުގައި ސަރުކާރުން ސާބިތުމަކާއެކު މަސައްކަތްކުރާނެކަމަށެވެ. މިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގައި ތިބި ހުރިހާ އެންމެންގެ މަތިން ހަނދާންކުރައްވައި ރައީސް ވަނީ ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ ހަރުދަނާ ބަދަހި ގުޅުންތަކާއެކު ކުރެވޭ މަސައްކަތާއި، ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށެވެ.

