ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން ހޯދަމުންދިޔަ މީހާ، އެ ރަށުގެ ގޮނޑުދޮށުން ފެނިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ ، "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:05 ހާއިރުކަމަށެވެ. މި ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ވަނީ ވަގުތުން އެ މީހާ ހޯދުމުގެ އޮޕަރޭޝަނެއް ފެށިއެވެ.
ގެއްލުނު މީހާ ފެނިފައިވަނީ މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އާންމުންގެ ޑިންގީއަކަށެވެ.
އެ މީހާ ފެނުމާއެކު، އަވަސް ސިއްހީ ފަރުވާ ދިނުމަށްޓަކައި ހެނދުނު 05:59 ހާއިރު ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި، ފަރުވާ ދިނުމަށްފަހު އެ މީހާގެ ހާލު މިހާރު ރަނގަޅެވެ.
މި މީހާ ހޯދުމަށް ކުރިއަށްގެންދިޔަ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އުޅަނދުފަހަރުގެ އިތުރުން، އެ ސަރަޙައްދުގައި ހަރަކާތްތެރިވި އާންމުންގެ އުޅަނދުފަހަރުތަކުން ދެއްވި ފުރިހަމަ އެއްބާރުލުން ލިބުނުކަން އެމްއެންޑީއެފުން ވަނީ ފާހަގަކޮށްފައެވެ.

