ހިޖުރައިން ލިބޭ އެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާއެކު ދެމިތިބޭނޭކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުތުބާގައި ހިޖުރައިގެ ޢިބުރަތްތަކަށް އަލި އަޅުވާލައި ބުނީ ހިޖުރީ އައު އަހަރެއް ފެށިގެން އަންނައިރު ކީރިތި ރަސޫލާ މައްކާއިން މަދީނާއަށްކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ މިއަދު ކުރާން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ހިޖުރައިގެ މާނައަށް ވިސްނާ އިރު ޚިޔާލަށް އަންނަ މާނައަކީ ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށްދިއުން ކަމަށްވީ ނަމަވެސް އެއަށް ވުރެ މާފުޅާ މާނައެއް ހިޖުރައިގައި ވާ ކަމަށް ޙުތުބާގައި ބުނެފައިވެއެވެ. އަދި އެއީ ނުބައިކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ޙުތުބާގައި ވަނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަން ފާހަގަކޮށް، ހިޖުރައިން ލިބޭ އަގުހުރި އެއްފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ބުނެފައެވެ.
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ސާބިތުކަމާ އެކު ދެމިތިބޭނޭ ކަމުގެ ފިލާވަޅުއެވެ.
ހުތުބާގައި ބުނީ މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ހާދިސާ ކަމަށެވެ. މާތް ﷲ ގެ މަގަށް ގޮވައިލައްވަން މައްކާގައި ތޭރަ އަހަރު ރަސޫލާ ހުންނެވިއެވެ. އެހައި ގިނަ ދުވަހު އެ މަސައްކަތުގައި އުޅުއްވިއިރު ވެސް އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެކަށީގެންވާ އިޖާބައެއް ލިބިވަޑައިނުގަތް ކަމަށާއި އޭގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލާން އެ ބައިމީހުން ދިޔައީ ރާވަމުން ކަމަށެވެ.
އެ ހިނދު މާތް ﷲ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވިއެވެ. އެ ހިސާބުން ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅުނެވެ. ހިޖުރައިގެ އެ މަތިވެރި ހާދިސާއަށް ބަލައިލާއިރު، ގިނަގުނަ އިބުރަތްތައް ލިބޭ ކަމަށް ހުތުބާގައިވެއެވެ. އޭގެ ތެރޭގައި ކަންކަމުގައި މާތް ﷲ އަށް ވަކީލުކުރުން ހިމެނޭ ކަމަށެވެ. މާތް ﷲ އަށް ވަކީލުކުރުމަކީ، ވަކީލުކޮށްފީމޭ ބުނެ ދެ އަތް އުރައިލައިގެން ހުރުމެއް ނޫނެވެ. ވަކީލުކުރުމަކީ، ކަންކަންކުރުމަށް ބޭނުންވާ ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، މާތް ﷲ ގެ ހަޒުރަތުން ރައްކާތެރިކަން ލިބުމަށް އެދި އެ ކަން ޔަގީންކޮށްގެން ހުރުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޙުތުބާގައި އިތުރަށް ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުން ކަމަށެވެ.
މިނޫންވެސް އިތުރު ބައިވަރު ފިލާވަޅުތަކެއް ހިޖުރައިން ލިބޭ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ހުތުބާގައި ވަނީ މަގުފުރެދުންތަކުން އެއްކިބާވެ މާތް ނަބިއްޔާ ދެއްކެވި ތެދުމަގަށް ހިޖުރަކޮށް ސާބިތުވެ ތިބޭ ބަޔަކުކަމުގައި ލެއްވުމަށް އެދި ދުއާ ކޮށްފައެވެ.

