ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ޖުމްލަ 3،548 ޕްލޮޓް ދޫކުރުމަށް ނިންމައިފިއެެވެ.
މީގެ ތެރެއިން މިހާތަނަށް 3،086 ފަރާތަކަށް ރަޖިސްޓަރީވަނީ ކޮށްފައެެވެ.
މިނިސްޓްރީން ބުނީ ގުޅިފަޅުން ލިބިފައިވާ ގޯތި ހަވާލުކުރި ކަމުގެ ލިޔުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެ ކަމަށެވެ. އަދި ގުޅިފަޅުން ތިލަމާލެ ބްރިޖް މަޝްރޫއު އާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަހައްދުތަކުގައި ހިމެނޭ ގޯތިތައް އެ ބިންތައް ހުސްކުރެވުނުހާ އަވަހަކަށް ހަވާލު ކުރާނެ ކަމަށެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ގުރުއަތު އަލުން ނެގުމަށްފަހު ފެށި މި މަސައްކަތުގައި، ހުރިހާ ޚިދުމަތެއް ފުރިހަމަވެފައިވާ ތަނަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ. މިހާރުގެ ޕްލޭނުގައި އާންމު ދިރިއުޅުމުގެ ބިންތަކުގެ އިތުރުން، ސޯޝަލް ހައުސިންއަށާއި، ތައުލީމީ، ސިއްޙީ، އަދި އިންޑަސްޓްރިއަލް ހިދުމަތްތަކުގެ އިތުރުން ސިޓީ ހޮޓާ ފަދަ ވިޔަފާރިތަކަށް ބިން ވަނީ ކަނޑައަޅައިފައެވެ. ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަށްޓަކައި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދުތައް ވެސް މި ޕްލޭނުގައި ހިމަނާފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީން ދޫކުރަނީ 698 ގޯއްޗެވެ. އޭގެ ތެރެއިން 603 މީހަކަށް ވަނީ ބިން ހަވާލުކޮށްފަ އެވެ. އަދި 641 މީހަކަށް ވަނީ ރަޖިސްޓްރީ ހަވާލުކޮށްފަ އެވެ.

