logo

ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެންހުރި ބޭހުގެ މައުލޫމާތު ބެލޭނެ ޕޯޓަލްއެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި، އެ ބޭސްތައް ލިބެން ހުންނަ ފާމަސީތައް ފަސޭހަކަމާއެކު ބަލާލެވޭނެ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިފްތިތާހު ކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މި ޕޯޓަލް ފަރުމާކުރެވެމުންދަނީ ކޮންމެ ތާކު ހުރެގެންވެސް ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީތަކާއި، އެ ބޭސްތަކުގެ އަގުތައް ވަގުތުން ބަލާލެވޭނެ ގޮތަށެވެ.

ބޭސް ހޯދަން ބޭނުންވާ ފަރާތްތަކަށް ބޭސް ލިބެން ހުންނަ ފާމަސީ ނޭނގުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށާއި އެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމުގެ ގޮތުން މި ޕޯޓަލް ފަރުމާކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ބޭސް ލިބުމުގައި ހުރި މައްސަލަ ހައްލުކުރެވޭނީ، ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ އެނގިގެން ކަމަށާއި އެކަން އެނގޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކުންފުނިން މީގެކުރިން ވަނީ ބުނެފައެވެ.

މި އައު ނިޒާމުގެ ސަބަބުން ބޭސް ހޯދުމަށް އެއް ފާމަސީން އަނެއް ފާމަސީއަށް ހިނގަންޖެހޭ ޖެހުމަށް ނިމުމެއް އައިސް، ޑިޖިޓަލްކޮށް ހުރިހާ މައުލޫމާތެއް އިނގިލި ކުރިއަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ad