logo

މުދަލު ޒަކާތް ވާޖިބުވާ ނިސާބު 19،266 ރުފިޔާއަށް ދަށްކޮށްފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އައި ބަދަލާ ގުޅިގެން، ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބުގެ މިންވަރު މިއަދުން ފެށިގެން ދަށްކޮށްފިކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.
މުދަލު ޒަކާތް ދެއްކުމަކީ، އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ.

ޒަކާތު ހައުސްއިން މިއަދު ބުނީ، އަލަށް ގެނައި ބަދަލާއެކު ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،266.10 ރުފިޔާ ކަމަށެވެ.

މީގެ ހަތަރު މަސް ކުރިން، މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ނިސާބު ކަނޑައަޅާފައި އޮތީ 21،836.50 ރުފިޔާގައެވެ.

ރާއްޖޭގައި ޒަކާތުގެ ނިސާބު ކަނޑައެޅުމުގައި ބަލަނީ ރިހީގެ އަގަށެވެ. އިސްލާމީ ފިގުހުވެރިންނާއި އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި، ރާއްޖެ ފަދަ ގައުމުތަކުގައި ރިހީގެ އަގަށް ބަލައިގެން ނިސާބު ކަނޑައެޅުމަކީ ނިކަމެތިންނާއި ފަގީރުންގެ ހައްގުގައި އެންމެ ފައިދާހުރި އަދި އެންމެ އިންސާފުވެރި ގޮތެވެ.

މުދަލު ޒަކާތުގެ ނިސާބަކީ އެ މިންވަރަކަށް މުދާ ނުވަތަ ފައިސާ ހުރެއްޖެ ނަމަ، ޒަކާތް ދެއްކުން ފަރުލުވާ އެންމެ ދަށް މިންވަރެވެ. މުދަލު ޒަކާތަކީ އަހަރުގެ ވަކި ހާއްސަ މޫސުމަކާ ގުޅިފައިވާ އެއްޗަކަށް ނުވާތީ، ޝަރުތު ހަމަވާ ކޮންމެ ވަގުތެއްގައި ވެސް ޒަކާތް ދެއްކޭނެއެވެ.

މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް މުދަލު ޒަކާތް ދައްކަމުން އައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން އޮންލައިކޮށް ވެސް މީރާއަށް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާގެ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

ad