އިމަޖެންސީ ސައިރަން އަޅަމުން ދިޔަ އެންބިއުލާންސަކަށް ޖާގަނުދީ، މަގު ބްލޮކްކޮށްގެން މުދާ ބޭލި މައްސަލައިގައި ޕިކަޕު ދުއްވި ޑްރައިވަރަށް ފިޔަވަޅު އަޅައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ޕިކަޕް ދުއްވި ޑްރައިވަރު ޙާޒިރުކޮށް ފިޔަވަޅު އަޅާފައިވާކަމަށެވެ. އެގޮތުން، ޑްރައިވަރު 750 ރުފިޔާއިން ޖޫރިމަނާކޮށް، ލައިސަންސް ހިފަހައްޓާފައިވާކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މައްސަލަ އިތުރަށް ބަލަން ޓްރާސްޕޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއްކޮޅަށް ދުއްވާ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސެއް އޮއްވައި، އޭގެ ކުރީގައި ކުޑަ ޕިކަޕެއް މުދާ ބޭލުމަށް ގިނަ އިރުތަކެއް ވަންދެން މަގު ބްލޮކްވާހެން އޮތެވެ. އަދި ޕިކަޕުގެ ފަހަތުގައި އޮވެ އެމްބިއުލާންސުން ސައިރެން އަޅަމުން ދިޔައިރުވެސް، ޕިކަޕު އެ ސަރަހައްދުން ގޮސްފައިވަނީ މުދާ ބޭލުމަށްފަހުއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި މައްސަލަ މިހާރު އެ މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި ހާދިސާ ހިނގާފައިވާ ގޮތް ތަހުގީގު ކުރުމަށްފަހު، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް މިނިސްޓްރީގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މާލޭގެ މަގުތައް ތޮއްޖެހިފައިވާއިރު، ބަލިމީހުން އުފުލާ އެމްބިއުލާންސް ފަދަ އުޅަނދުތަކަށް މަގު ދިނުމަކީ ގާނޫނީ ގޮތުންނާއި އަދި އިންސާނިއްޔަތުކަމުގެ ގޮތުންވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މި ފަހަކަށް އައިސް އިމަޖެންސީގައި ދާ އެމްބިއުލާންސަށް، އެހެން ވެހިކަލްތަކުން ޖާގަ ނުދޭ މައްސަލަ ވަނީ ބޮޑުވެފައެވެ.

