logo

މުޒާހަރާއިން ހައްޔަރުކުރި މީހާއާއި ގުޅުވާ ފަތުރަމުންދަނީ ދޮގުވާހަކަތަކެއް، ބާރުގެ ބޭނުން ނުކުރޭ: ފުލުހުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

މުޒާހަރާއިން ހައްޔަރުކުރި މީހާއާއި ގުޅުވާ ފަތުރަމުންދަނީ ދޮގުވާހަކަތަކެއް، ބާރުގެ ބޭނުން ނުކުރާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ، އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް ވަނީ އައިސްފަ ކަމަށާއި، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ ގުޅުމެއް ނެތް ކަމަށެވެ.

ފުލުހުން މިހެން ބުނީ މުޒާހަރާގެ ބައިވެރިއަކަށް ފުލުހުން ކަރަންޓު މުގުރު ބޭނުންކޮށްގެން އަނިޔާކުރުމުގެ ސަބަބުން އެމީހާގެ ހާލު ދެރަވެ ފަރުވާ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން ފުލުހުން ބުނީ ފެތުރެމުންދާ ވާހަކަތަކާ ހިލާފަށް، ރޭގެ އެއްވުން ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވާ ކަމަށާއި، އަދި އެއީ އެއްވުމާ ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި، އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.

ad