logo

ގިރާވަރުފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން
ގިރާވަރު ފަޅުން ބިން ހިއްކަނީ...ފޮޓޯ:އެމްއޭސީލް

ގިރާވަރު ފަޅުން ބިން ހިއްކަނީ...ފޮޓޯ:އެމްއޭސީލް

ގިރާވަރު ފަޅުން 15 ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހުއެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. 2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މިއާއިއެކު ބިން ހިއްކުން އިތުރަށް އަވަސްވެގެން ދާނެއެވެ.

އެގޮތުން ހިއްކަން ޖެހޭ 97.15 ހެކްޓަރުގެ ތެރެއިން މިއަދާއި ހަމައަށް 15 ހެކްޓަރު ހިއްކައި ވަނީ ނިމިފައެވެ. އެއީ މުޅި މަޝްރޫއުގެ އިންސައްތައަށް ބަލާނަމަ، 15.44 އިންސައްތައެވެ.

ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެކެވެ. ނަމަވެސް 97.15 ހެކްޓަރުކަން ފާހަގަކޮށްފައިވަނީ، މީގެ ކުރިން 50 ނުވަތަ 54 ހެކްޓަރުގެ ބިން ހިއްކާފައިވާތީއެވެ. އެ ބިން ހިއްކާފައިވާކަން ސަރުކާރުން ވެސް ވަނީ ހާމަކޮށްފައެވެ.

ގިރާވަރުފަޅު މިހާރު ހިއްކަމުންދަނީ 2 ޑްރެޖަރު ބޭނުންކޮށްގެންނެވެ. އެއީ ކުއީން އޮފް ދި ނެދަލޭންޑްސްއާއި އޮރެންޖީއެވެ. ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެތަނުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގައި ގިރާވަރު ފަޅުން ޖުމްލަ ދިނުމަށް ނިންމާފައިވަނީ 4،072 ގޯއްޗެވެ. ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ބާއްވައި، ގޯތި ލިބުނު ފަރާތްތަކުގެ ހާޒިރުގައި ޕްލޮޓްތައް ކަނޑައަޅައި، ގުރުއަތުން ހޮވޭ ޕްލޮޓް ނަންބަރު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން އެތަނުގައި އާބާދުވާނެ އާބާދީއަށް ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތުގައި ކަނޑައަޅާފައެއް ނުވެއެވެ. ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށް އިތުރު 113 ހެކްޓަރު އިތުރު ކުރުމަށް ނިންމައި، ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ މި ސަރުކާރުންނެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ad