ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ.
މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.
ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
މި ގަވާއިދުގައިވާ ގޮތުން، ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި ކުރާ އިމާރާތްތަކުގެ ޑިޒައިން އެޕްރޫވަލް އާއި އިމާރާތްކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޗްޑީސީ މެދުވެރިކޮށެވެ. އަދި މިކަމަށް އެދި ހުށަހަޅަންޖެހޭނީ އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. އިމާރާތްކުރުމުގެ މަސައްކަތް ފެށޭނީ ބޭނުންވާ ހުއްދަތައް ލިބުމުންނެވެ.
މިއީ ތަރައްގީގެ މަސައްކަތްތައް ހަރުދަނާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ. މީގެ އިތުރުން، ބިންތަކުގެ އިންވަކިކުރާ ފާހަގަތައް ޖެހުމާއި، ބޭނުންވެއްޖެ ހާލަތެއްގައި އަލުން ޖަހައިދިނުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވެއެވެ. މިއީ ރަޖިސްޓްރީކޮށްފައިވާ ބިމުގެ މިންތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް ކުރެވޭ ކަމެކެވެ.
އައު އޮނިގަނޑުގެ ދަށުން އިމާރާތްތަކުގެ ފަންގިފިލާތައް ބޭނުންކުރާނެ ގޮތާއި، އުސްމިނާއި، ފްލޯ ސްޕޭސް އިންޑެކްސް (އެފް.އެސް.އައި) އާއި، އިމާރާތުން ދޫކުރަންޖެހޭ ހުސްޖާގަ (ސެޓްބެކް) އަދި ޕާކިންގްއާ ގުޅޭ މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ.
އިމާރާތުގެ އުސްމިނަށް ބަލައި، ވަކި ފަންގިފިލާތަކެއްގައި ދިރިއުޅުމުގެ އިތުރުން ހުއްދަދެވޭ ވިޔަފާރިތައް ހިންގުމުގެ ފުރުސަތު މި ގަވާއިދުން ލިބިދެއެވެ. މިއީ ހުޅުމާލޭގެ ދިރިއުޅުމުގެ މާހައުލަށް ބުރޫނާރާނެހެން އިގްތިސާދީ ހަރަކާތްތަކަށް ޖާގަ ދިނުމަށް ކުރެވޭ ކަމެކެވެ. ހަމައެއާއެކު، ސިނާއީ މަސައްކަތްތަކާއި، ގުދަންކުރުމާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ގަދަ އަޑު، ވަސް، ދުން ނުވަތަ ހިރަފުސް އުފެދޭ ފަދަ ކަންކަން ކުރުން މި ގަވާއިދުގެ ދަށުން މަނާކުރެއެވެ.
މި ގަވާއިދުގައި އިމާރާތުގެ ބައްޓަމާއި ބިން ބޭނުންކުރާނެ ގޮތުގެ ތަފްސީލީ މިންގަނޑުތަކެއް ވެސް ވަނީ ހިމަނާފައެވެ. އެގޮތުން، އެޗްޑީސީ އިން އާންމުކުރާ ސެޓްބެކް ޕްލޭންތަކާ އެއްގޮތަށް ބިންތައް ތަރައްގީކުރަންޖެހޭއިރު، އިމާރާތްތަކުގެ އެންމެ އުސްމިނަކީ 30.5 މީޓަރު ކަމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، 901 އަކަފޫޓަށްވުރެ ބޮޑެތި ގޯތިތައް 30.5 މީޓަރަށް ނުވަތަ 10 ފަންގިފިލާއަށް އިމާރާތްކުރުމުގެ ހުއްދަ ދެވޭ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުން، އުސް އިމާރާތްތަކުގައި ލިފްޓް ހުރުމާއި، ދިރިއުޅޭ ބައިތަކުގެ ސީލިންގް ހުންނަންޖެހޭ އެންމެ ދަށް އުސްމިނާއި، ޓެރަސް، މެޒަނިން ފްލޯ އަދި ފުރާޅުމަތީގައި ހަދާ އޮނިގަނޑުތަކުގެ މިންގަނޑުތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ޒަމާނީ އާބަން މާހައުލަކަށް ބޭނުންވާ ޕާކިންގް، ކުނި ބަހައްޓާނެ ޖާގަ، ވައި ދައުރުވުން، ރައްކާތެރިކަން އަދި ޑިޖިޓަލް އިންފްރާސްޓްރަކްޗާއާ ގުޅޭ ޝަރުތުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ. 18.5 މީޓަރަށްވުރެ ތިރި އިމާރާތްތަކުގައި އެޕާޓްމަންޓްގެ ސައިޒަށް ބަލައި ސައިކަލް ޕާކިންގް ދޭންޖެހޭއިރު، އެއަށްވުރެ އުސް އިމާރާތްތަކުގެ ގްރައުންޑް ފްލޯ ނުވަތަ ބޭސްމަންޓް ޕާކިންގްއަށް ހާއްސަކުރަންޖެހެއެވެ. މީގެ އިތުރުން، ކުނި ބަހައްޓާނެ ވަކި ތަނެއް ހުރުމާއި، ވައި ދައުރުވުމާއި އަލިކަން ހުންނަންޖެހޭ މިންގަނޑުތަކުގެ އިތުރުން، ހުޅުމާލެ ފޭސް 2 ގައި ހަދާ އިމާރާތްތަކުގައި ޖީ.ޕީ.އޯ.އެން ފައިބަރ ކޭބަލް އެޅުމަށް ބޭނުންވާ ޑަކްޓްތައް ހިމެނުން ވެސް ވަނީ ލާޒިމްކޮށްފައެވެ.
މި ގަވާއިދުގެ ސަބަބުން ފަސޭހައިން ވަދެނިކުމެ އުޅެވޭނެ ގޮތްތަކާއި ދެމެހެއްޓެނިވި ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދޭ ތަންތަނުގައި ހުންނަ ރޭމްޕްތައް، މިހާރު އަމަލުކުރަމުންދާ މިންގަނޑުތަކަށް ފެތެންޖެހޭނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ފުރާޅުލާފައިވާ ޓެރަސްތަކަކީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެޗްޑީސީގެ ހުއްދައާއެކު، މުވާސަލާތީ ޓަވަރުތަކާއި، އެންޓަނާ އަދި ސެޓެލައިޓް ޑިޝްތައް ތަރުތީބުން ހަރުކުރުމާ ގުޅޭ އުސޫލުތައް ވެސް ގަވާއިދުގައި ހިމަނާފައިވެއެވެ.
މި އާ ގަވާއިދު މިއަދު ޝާއިއުކޮށް އަމަލުކުރަން ފެށުމާއެކު، 2023 ވަނަ އަހަރުގެ "ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު" ވަނީ އުވިފައެވެ.

