logo

ޒަކާތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް "ޒަކާތް އަސްނާފު ކާޑު" އިފްތިތާޙުކޮށްފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ޒަކާތުގެ ފައިސާއިން ފޯރުކޮށްދޭ އެހީގެ ޕްރޮގްރާމްތައް މިހާރަށްވުރެ ހަރުދަނާކޮށް، ލުއިފަސޭހަކަމާ އެކު އަދި އެހީ ލިބޭ ފަރާތްތަކުގެ ކަރާމާތް ހިފެހެއްޓޭނެ ފަދަ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި، މޯލްޑިވްސް ޒަކާތު ހައުސްއިން "ޒަކާތު އަސްނާފު ކާޑު" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކާޑު އިފްތިތާޙުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަސްނާފު ކާޑަކީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ކާޑެކެވެ. މިއީ ޒަކާތު ހައުސްގެ ޚިދުމަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ކާޑުގެ އެހީގައި، އެހީއަށް ޝަރުތުހަމަވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި، ކުރިއަށް އޮތް ތަނުގައި ތައާރަފުކުރުމަށް ރޭވިފައިވާ އިތުރު ޕްރޮގްރާމްތައް ފަސޭހަކަމާ އެކު ހޯދޭނެއެވެ.

މި ކާޑާ އެކު، އެހީއަށް އެދި ހުށަހަޅާ އިރު ކޮންމެ ފަހަރަކު އަސާސީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭޖެހުން ނިމުމަކަށް އަންނާނެއެވެ. އޭގެ ބަދަލުގައި، އަސްނާފު ކާޑު ބޭނުންކޮށްގެން އެންމެ ސްކޭނަކުން ވަގުތުން ޚިދުމަތް ހޯދޭނެއެވެ. މީގެ ސަބަބުން އިދާރީ މަސައްކަތްތަކާއި ޚިދުމަތް އަވަސްވެ، ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކިއު.އާރް ކޯޑު ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ކާޑު، ޒަކާތުގެ އެހީގެ ނިޒާމުގައި ހިމެނޭ އެހީ ލިބޭ ފަރާތުގެ ވެރިފައިޑް ޕްރޮފައިލާ ސީދާ ގުޅިފައިވާނެއެވެ. މީގެ ސަބަބުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އެހީއަށް ޝަރުތުހަމަވާކަން އަވަހަށް ކަށަވަރުކޮށް، ހާމަކަން ބޮޑު އަދި އިތުބާރު ހުރި ގޮތެއްގައި، ޙައްޤުވެރީންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ކާޑު ސިސްޓަމަކީ ޒަކާތު ހައުސްއިން ހުށަހަޅާފައިވާ "ބެނެފިޝަރީ އައިޑެންޓިފިކޭޝަން ކާޑު ސިސްޓަމް"ގެ ބައެކެވެ. މީގެ މަޤްޞަދަކީ ހުރިހާ އެހީގެ ޕްރޮގްރާމްތަކެއް ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އެއް ޑިޖިޓަލް ނިޒާމެއްގެ ދަށުން ގުޅާލުމެވެ.

އަސްނާފު ކާޑު އިފްތިތާޙުކުރުމަކީ ޒަކާތު ހައުސްގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގެ ފުރަތަމަ މަރުހަލާއެވެ. ކުރިއަށް އޮތް ތަނުގައި މި ނިޒާމުގެ ތެރެއަށް ޑިޖިޓަލް ރެކޯޑުތައް ގުޅާލުމާއި، މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޚިދުމަތް ހޯދޭނެ ގޮތް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ ސަބަބުން ޒަކާތް ބެހުމުގައި ޒިންމާދާރުކަން އިތުރުވެ، އެހީ ފޯރުކޮށްދިނުމުގައި ތަކުރާރުވުންތައް ހުއްޓުވައި، ތަފާސްހިސާބުގެ އަލީގައި ނިންމުންތައް ނިންމުމަށް މަގުފަހިވާނެއެވެ.

މި ކާޑަކީ ޒަކާތް ބެލެހެއްޓުމާއި ބެހުމުގައި ޢަދުލުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، އޯގާތެރިކަމުގެ އުސޫލުތައް ދެމެހެއްޓުމަށް ޒަކާތު ހައުސްއިން ކުރާ މަސައްކަތުގެ ހެއްކެކެވެ. އަދި މިއީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ ފަޤީރުންނާއި މިސްކީނުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ad