logo

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

އާމިނަތު މޫސާ
7 ގަޑިއިރު ކުރިން

ތ. ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.

ވޭމަންޑޫ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. މި މަޝްރޫޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް މުޢިއްޒު ތ. އަތޮޅުގެ ރަށްތަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި ޖަލްސާގެ ތެރެއިންނެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭގައި ނިންމާ ގޮތަށް 113.19 މިލިއަން ރުފިޔާއަށެވެ.

އެކަމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނެފައިވަނީ ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ 15.40 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި 819 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 220 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ވޭމަންޑޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއްލިބި، ރަށުން ގޯތި ދޫ ކުރުމަށާއި، ސިނާޢީ މަސައްކަތް ކުރުމަށް އިތުރު ޖާގަ ތަނަވަސް ވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ad