ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކަށް ހިންގުމުގައި މިވަގުތު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެ ސިނާޢަތަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް, ބީއެމްއެލް ދެމިއޮންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑު ތަނުން މަދުވެފައެވެ. މިއާއެކު ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ވިޔަފާރިތަކަށް ހިނގުމުގައި ބައެއް ގޮންޖެހުންތައް ހުރިކަން އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތައް ތަމްސީލް ކުރާ މަޓީއާއެކު ބޭއްވި ބައްދަލުވުމުގައި އެ ފަރާތްތަކުން މިކަންބޮޑުވުން ސަރުކާރާއި ވަނީ ހިއްސާކޮށްފައެވެ.
ސަރުކާރުން ހަނގުރާމައާއި ގުޅިގެން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާޙީމް ވަނީ މިކަން ހައްލުކުރުމަށް ސަރުކާރުން މާލީ އިދާރާތަކާއި މަޝްވަރާކޮށް ކުރަމުންދާކަން ހާމަކޮށްފައެވެ. އެގޮތުން ބީއެމްއެލްއާއި އެކު ބޭއްވި މަޝްވަރާތަކުގައި އެފަރާތްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން އެ ވިޔަފާރިތަކަށް އެހީވުމަށް މަޝްވަރާ ކުރަމުންދާކަން ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
މިކަމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ނެރުނު ބަޔާނެއްގައި ވިދާޅުވީ، ދުނިޔެއަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް، މި ސިނާއަތުގެ މުހިންމު ހިއްސާދާރުންނާއި ގުޅިގެން، ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ސިނާއަތާއެކު ސާބިތުވެ ތިބުމަށް ކަމަށެވެ. އަދި ސިނާއަތުގެ ހިއްސާދާރުންނާއެކު ހުޅުވާލެވިފައިވާ މަޝްވަރާތައް ބޭއްވުމުގެ ސަބަބުން، ވިޔަފާރިތައް ހިންގުމަށް އެހީތެރިވެދޭނެ، އަދި މިހާރުގެ ހާލަތުން އަރައިގަތުމަށް މަގުފަހިކޮށްދޭނެ، މާލީ ހައްލުތަކެއް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބި، މުޅި ސިނާއަތުގެ އިތުބާރު ދެމެހެއްޓުމަށް މަގުފަހިވެގެންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބޭންކުން ވިދާޅުވީ، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމެއްކަމަށާއި، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ހާލަތު ބަދަލުވަމުން އަންނަ ގޮތް ގާތުން ބަލައި ބޭނުންވާ ހާލަތްތަކުގައި އެހީތެރިކަމުގެ ފިޔަވަޅުތަކަށް ބަދަލު ގެނެސް، މި ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވެ، ދެމެހެއްޓެނި ސިނާއަތެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ އެހީތެރިކަން ބޭންކުން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް އެހީވުމަށް ބީއެމްއެލް ދެމިއޮންނާނެ ކަމަށް އެ ބެންކުން ބުނެފި

ދިވެހި ޗެނަލް
10 ގަޑިއިރު ކުރިން

