ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ޑެންގީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން ޑެންގީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތްތާގައި އިތުރުވެދާނެ ކަމަށް އެޗްޕިއޭއިން ލަފާކުރެއެވެ.
މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު އިތުރު ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ވަނީ ދައްކަފައެވެ. އައްޑޫ ސިޓީގައި ވެސް ޑެންގީ ފެތުރޭތީ މުޅި އައްޑޫ ސާފުކުރުމުގެ ހަރަކާތެއް ފަށަން ވެސް ވަނީ ނިންމާފައެވެ. ހޮނިހިރު ދުވަހު މުޅި އައްޑޫ ސިޓީގައި ސާފުކުރުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ވެސް ކައުންސިލްއިން ބުނެފައި ވެއެވެ.
އައްޑޫސިޓީގެ ހުރިހާ އަވަށެއްގެ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކާއި، އެފަދަ ގޯތިތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން، މި މަހުގެ 23 ވަނަ ދުވަހުގެ ކުރިން އެ ތަންތަނުގައި ހުރި ކުނިބުނިތަކާއި، ފެން ހަރުލާ ފަދަ ތަކެތި ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް ވެސް އައްޑޫ ސިޓީން އިލްތިމާސްކުރި އެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ޑެންގީ ބައްޔަކީ ބައެއް ފަހަރު ފުރާނައެއް ވެސް ނުރައްކާވާ ވަރުގެ ބައްޔެކެވެ.
ޑެންގީ ޖެހުނު ދިވެއްސަކު ވަނީ މިދިޔަ ހަފްތާގައި ނިޔާވެސް ވެފަ އެވެ.


