މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކުރިމަތިވަމުންދާ އިގްތިސާދީ މައްސަލަތަކަށް ރިއާޔަތްކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަރަދުކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ޕީޖީ އޮފީހުން ބުނީ، ހަރަދުތައް ކުޑަކުރުމަށް ނިންމައި މިއަދުން ފެށިގެން ބައެއް ފިޔަވަޅުތައް އެޅުމަށް މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ނިންމުމަކީ، ހަރަދުތައް ކުޑަކުރުމަށް ކޮންމެ އަންގާރަ ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ދުވަހެއް ގޮތުގައި ހަމަޖެއްސުމެވެ.
މީގެ އިތުރުން ރަސްމީ ބައްދަލުވުންތައް އޮންލައިނުކޮށް ބާއްވަން ނިންމުމާއި، އޮފީސް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުމާއި، ކަރަންޓު ބޭނުންކުރުން މަދުކުރުމާއި، ކަރުދާސް ބޭނުންކުރުން މަދުކުރުންވެސް ހިމެނެއެވެ. އަދި އޮފީސް ވެހިކަލް ބޭނުންކުރާ މިންވަރު މަދުކުރަންވެސް ވަނީ ނިންމާފައެވެ.
ޕީޖީ އޮފީހުން ބުނީ ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރި ނަމަވެސް، ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނޭކަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާއިރު، ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން އޮންލައިންކޮށް ކުރިއަށް ނުގެންދެވޭ ބައްދަވުންތަކާއި، އޮންލައިންކޮށް ކުރިއަށްގެންދިއުމުގެ ސަބަބުން ބައްދަލުވުމުން ނެރެވިދާނެ ނަތީޖާއަށް އުނިކަމެއް އައިސްދާނެކަމަށް ބެލެވޭ ބައްދަލުވުންތައް ހާޒިރުވެގެން ކުރިއަށް ގެންދާނޭކަމަށެވެ.
ޕީޖީ އޮފީހުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އޮފީހަށް ހާޒިރުވާ ދުވަސްތަކުގައިވެސް މެންދުރު 14:00 ގެ ފަހުން ގޭގައި ކުރެވެންހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ބާރުއެޅުމާއި، އޮފީސް ބަންދުކުރާ ގަޑި 18:00 އަށް އަވަސްކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕީޖީ އޮފީހުގެ މަސައްކަތްތައް މުޅިން ޑިޖިޓައިޒްކޮށް ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޕްރޮސިކިއުޓަ ޖެނެރަލް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި އޮފީހުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް މި މުއްދަތުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސްވަނީ ހަމަޖެހިފައެވެ.

