logo

ހިތަދޫ ބައި-އިލެކްޝަންގައި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އާމިނަތު މޫސާ
20 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ކުރި އިޢުލާނުގައި ވަނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނާ ގުޅިގެން ނެރެފައިވާ އިޢުލާނެކެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އާންމުކޮށްފައިވަނީ ކުރިން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ވޯޓާސް ލިސްޓަށް ގެނެވުނު ބަދަލުތަކެވެ.

މި ރަޖިސްޓަރީ މިހާރު ދިވެހިސަރުކާރުގެ ގެޒެޓާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން އައްޑޫސިޓީ ހިތަދޫގެ އަވަށު އޮފީހުން އާންމުންނަށް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، 1414 އަށް އެސްއެމްއެސް ކޮށްގެންވެސް ލިސްޓުގައި މައުލޫމާތު އޮތްގޮތް ޗެކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަޖެހިފައިވަނީ 2026 މޭ 3 ވާ އާދީއްތަ ދުވަހުން ފެށިގެން، 2026 މޭ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 01:00 ގެ ނިޔަލަށެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ 'މައިޕޯޓަލް' މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. ރަޖިސްޓަރީގައިވާ މައުލޫމާތަކަށް ބަދަލު ގެނައުމަށް އެދި ހުށަހަޅާއިރު، އެކަމުގެ ސައްހަކަން ސާބިތުކޮށްދޭނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

ad