ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކާއި އޭޓީއެމް ވިއުގަ ފުޅާކުރުމުގެ ގޮތުން އަލަށް ގާއިމްކުރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ ބީއެމްއެލްގެ އައު ބްރާންޗް ނެޓްވޯކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ބެހެއްޓި ޑޮލަރު އޭޓީއެމްތައް އިފްތިތާޙްކޮށްދެއްވާފައެވެ.މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހަ އައު ބްރާންޗެއް ވަނީ އިފްތިތާޙްކޮށްފައެވެ. އެއީ ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، އއ. ތޮއްޑޫ، ތ. ވިލުފުށި، ލ. ހިތަދޫ އަދި ސ. ހުޅުދޫ ބްރާންޗެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ 90 އޭޓީއެމްގެ ތެރެއިން 70 ޑޮލަރު އޭޓީއެމްއާއި އިތުރަށް ބަހައްޓާފައިވާ ދިވެހި ރުފިޔާގެ 20 އޭޓީއެމްވެސް ރޭ ވަނީ ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.
ޑޮލަރު އޭޓީއެމްތައް ބަހައްޓާފައިވާ އަތޮޅުތަކަށް ބަލާއިރު، އެންމެ ގިނަ އޭޓީއެމް ބަހައްޓާފައިވަނީ ކ. އަތޮޅުގައެވެ. އެއީ 10 އޭޓީއެމްއެވެ. މީގެ އިތުރުން ރ. އަތޮޅާއި އދ. އަތޮޅުގައި ހަ އޭޓީއެމް، އަދި ހއ، ހދ، ބ، އަދި ސ. އަތޮޅުގައި ކޮންމެ އަތޮޅަކު ފަސް ޑޮލަރު އޭޓީއެމް ވަނީ ބަހައްޓާފައެވެ. އެހެން އަތޮޅުތަކުގައިވެސް އާބާދީއާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބަލައި ޑޮލަރު އޭޓީއެމްތައް ވަނީ ގާއިމްކޮށްފައެވެ.
ބޭންކިންގ ޚިދުމަތްތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޭޓީއެމް ނެޓްވޯކަކީ ރައްޔިތުންގެ ބޮޑު އިތުބާރެއް އޮތް ޚިދުމަތެކެވެ. އެގޮތުން 2025 ވަނަ އަހަރުގެ މިހާތަނަށް މުޅި އޭޓީއެމް ނެޓްވޯކަށް 17.1 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު، އޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން ރުފިޔާގެ މުއާމަލާތް ކޮށްފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން 7 އަރބަން ސެންޓަރާއި، ސިޓީތަކުގެ އިތުރުން ލޯކަލް ޓުއަރިޒަމް ފުޅާވެފައިވާ ރަށްރަށުގައި ޑޮލަރު އޭޓީއެމްތައް ބެހެއްޓުމެވެ. "މުޅި ރާއްޖޭގައި އޭޓީއެމް" ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ބީއެމްއެލްއިން ނިންމާފައިވަނީ އެންމެ ނުވަ މަސް ދުވަހުގެ ތެރޭގައެވެ.
މި މަޝްރޫޢާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އަސާސީ ބޭންކިންގ ޚިދުމަތް ލިބިގެންދާނެއެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް 73 ރަށެއްގައި 138 އޭޓީއެމް ހުރި ނަމަވެސް، މި އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މި އަދަދު ވަނީ 187 ރަށުގައި 340 އޭޓީއެމްއަށް އިތުރުކުރެވިފައެވެ.

