ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 5،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.
އިމަރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް ޖުމުލަ 5067 މީހުން ފޯމު ހުށައަޅާފަވާކަމަށެވެ. މީގެތެރޭގައި ގިނަ މީހުން ފޯމު ހުށައަޅާފަވަނީ ފްލެޓަށް އެދިއެވެ. ފްލެޓަށް އެދި 3434 މީހުން މިހާތަނަށް ފޯމު ހުށައަޅާފަވެއެވެ. އަދި ގޯއްޗަށް އެދި 1633 މީހުން ވަނީ ފޯމު ހުށައަޅާފައެވެ.
އަދި ފޯމު ފުރުމުގެ ޑްރާފްޓް މަރުޚަލާގައި 11،304 މީހުން ތިބިކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 15,000 ގޯއްޗެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ފޯމު ހުށައަޅަނީ އޮންލައިންކޮށް، "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހިން 4،000 ފުލެޓް ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 2،200 ފުލެޓް ދޫކުރަނީ މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
އެގޮތުން ވިލިނގިލީ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 300 ފްލެޓް ދޫކުރާއިރު މާލޭ ރަށްވެހިންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 1،000 ފްލެޓް އަދި ފަހުން މާލޭ ގެއެއްގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް 500 ފްލެޓް ދޫކުރަން ވަނީ ނިންމާފަ އެވެ.
މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުންނަށް 1،500 ފްލެޓް ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފައިވެއެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން ކަނޑައަޅާފައި ވަނީ، މާލޭގެ ރަށްވެހިންނަށް 10،000 ބިން ދޫކުރަން ހަމަޖެހިފައިވާއިރު މީގެ ތެރެއިން 7،000 ބިމަކީ އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ދޫކުރާ ބިމެވެ. 1،000 ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ. އަދި 2،000 ބިން ދޫކުރަނީ ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ މީހުންނަށެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން ދޫކުރާއިރު މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ މީހުންނަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1،500 ބިން ދޫކުރަން ވަނީ ނިންމާފަ އެވެ.
ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެއިން 7،900 ހައުސިން ޔުނިޓާއި 15،000 ގޯތި ދޫކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.
މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ އެޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

