ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން، ބައެއް އަތޮޅުތަކުގައި ފެނަކަ ކޯޕަރޭޝަނުން މިހާރު ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ދަށަޑް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ ބ.، ޅ. އަދި މ. އަތޮޅުގެ ރަށްރަށުގައެވެ.
ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން ބުނީ މި ނިންމުމަކީ ދައުލަތުގެ ޚިދުމަތްތައް ހިންގުމުގެ ނިޒާމަށް ސަރުކާރުން ގެންނަވަމުންދާ ބޮޑެތި އިޞްލާޙީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި މީގެ މައިގަނޑު މަޤްޞަދަކީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން މިހާރަށްވުރެ ބޮޑަށް ކަށަވަރުކުރުމާއި، މަސައްކަތުގެ ހިންގުން ހަރުދަނާކޮށް، އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
މިހާރުވެސް ސްޓެލްކޯއިން ކ.، ވ.، އއ.، އަދި އދ. އަތޮޅުގެ ރަށްރަށުގައި ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެމުންދާއިރު، ސަރުކާރުގެ މި ނިންމުމާއެކު، އަލަށް ސްޓެލްކޯގެ ޚިދުމަތުގެ ދާއިރާއަށް ބ. އަތޮޅުން އިތުރުވަނީ ދަރަވަންދޫ، ދޮންފަނު، އޭދަފުށި، ފެހެންދޫ، ފުޅަދޫ، ގޮއިދޫ، ހިތާދޫ، ކަމަދޫ، ކެންދޫ، ކިހާދޫ، ކުޑަރިކިލު، މާޅޮސް، އަދި ތުޅާދޫއެވެ. މީގެ އިތުރުން، ޅ. އަތޮޅުން ހިންނަވަރު، ކުރެންދޫ، ނައިފަރު، އަދި އޮޅުވެލިފުށިވެސް ސްޓެލްކޯގެ ދަށަށް ބަދަލުވާނެކަމަށް އެ ކުންފުނިން ބުނެއެވެ. ހަމައެއާއެކު، މ. އަތޮޅުން ސްޓެލްކޯގެ ދަށަށް ބަދަލުވާ ރަށްރަށަކީ ދިއްގަރު، ކޮޅުފުށި، މަޑުއްވަރީ، މުލައް، މުލި، ނާލާފުށި، ރައިމަންދޫ، އަދި ވޭވަށެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ، ކަމާބެހޭ ރަށްރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް އެއްވެސް ބުރޫއެރުމެއް ނެތި، ރޭވިގެން އަދި ވިލަރެސްކުރެވިގެންނެވެ. މި ނިންމުން ތަންފީޛުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެދުނުކެނޑި ކަރަންޓާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި މުވައްޒަފުންނާއި ވަސީލަތްތައް ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްގެންގޮސް، ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުވާނެ ފަދަ ހަރުދަނާ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއީ ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، އާންމު ބޭނުންތަކާ ގުޅުންހުރި ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ބައެއް ކަމަށް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެންމެ މުހިންމު އަމާޒަކީ ރަށްރަށުގައި ދެވޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމާއި، މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް ފަސޭހަވާނެހެން ނިޒާމީ ގޮތެއްގައި މި ބަދަލު ގެނައުމެވެ. އަދި މި މަރުޙަލާ ހަލުވިކަމާއެކު، ތަރުތީބުން ނިންމުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ މެދުގައި ވިލަރެސްކުރުމުގެ މަސައްކަތްތައް ދަނީ މެދުނުކެނޑި ހިނގަމުންނެވެ.
މި ބަދަލުގެނައުމުގެ މަރުޙަލާގައި، ކުންފުނީގެ މުދަލާއި ވަޞީލަތްތަކުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ގުޅިގެން މަސައްކަތް ކުރާނެއެވެ.

