ޙައްޖަށް ދިއުމަށް އޮތް ކިއޫ ދިގުވު ލަސްތަކެއް އައިސްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޙައްޖަށް ނުދެވި ތިބި މީހުންގެ ބެކްލޮގް ބޮޑުވުމުން ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން، ޙައްޖު ކަންކަމާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން ވިދާޅުވީ ޙައްޖަށް ދިއުމަށް އޮތް ކިއޫ ދިގުވުމުގެ މައްސަލައަކީ ހަމައެކަނި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކަމެއް ނޫން ކަމަށާއި، މިއީ މުޅި އިސްލާމީ ދުނިޔެއަށްވެސް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
ކޮވިޑުގެ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ތިންހާހެއްހާ މީހުންނަށް ޙައްޖަށް ނުދެވި މަޑުކުރަން ޖެހުނު ކަމަށެވެ. މި މައްސަލައަށް އޮތް ހައްލަކީ ސައުދީ ސަރުކާރުން ރާއްޖެއަށް ދޭ ކޯޓާ އިތުރުކުރުން ކަމަށްވާއިރު، އެކަމަށްޓަކައި ސަރުކާރުން އެންމެ މަތީ ފެންވަރުގައި މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވަކި މިންވަރެއް ދެއްކުމަށްފަހު ކިއޫގައި މަޑުކުރުމަކީ ބުއްދިވެރި ގޮތެއް ކަމަށް ލަފާދެއްވަމުން، އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދީގެން ޙައްޖަށް ފޮނުވުމަށް ސަރުކާރުން ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، 2026 އޭޕްރީލް 20 ވަނަ ހޯމަ ދުވަހު ރައީސް އޮފިހުން ކުރިއަށްދިޔަ ނުސްވެރިންގެ ބައްދަލުވުމުގަ ހައްޖަށްދިއުމަށް މިހާރުން ފެށިގެން ފައިސާ ދެއްކިޔަސް ހައްޖަށް ދެން ދެވޭނީ 2040 ހިސާބުގަ ކަމަށް ހައްޖު ކޯޕަރޭޝަން އިން ބުނާ ކަމަށް ދިވެހިޗެނަލުން ރައީސް އާއި ކުރެއްވި ސުވާލުގެ ޖަވާބުގައިވެސް ރައީސް ވިދާޅުވީ މިހާރުވެސް މިގެންދަވަނީ ވަރަށް ބޮޑަށް ސައުދީއާއި އެކު ހައްޖު ކަންކަމާ ގުޅޭ މަޝްވަރާތައް ކުރަމުން ކަމަށާއި، މައްކާރޫޓް އިނީޝިއޭޓިވް އަކީވެސް ސައުދީ އާއި ވަރަށް ގާތްގުޅުމެއް ބާއްވާ ކަމުގެ ހެއްކެ ކަމަށެވެ. މިގޮތުން ހައްޖުގެ ކޯޓާ އިތުރުކުރުމުގެ ވަރަށް ބޮޑު ޔަގީން ކަމެއް މިހާރުވެސް ލިބިފައިވ ާކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު މަޖީލުގައި ވަޒީރު އިތުރަށް ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޙައްޖާ ޢުމްރާގެ ޚިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. އަދި ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ޙައްގުތަކާއި ގުޅޭ ޤާނޫނެއް އޮންނަންޖެހޭ ކަމަށާއި، މާދުރު ނޫން މުސްތަޤްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.


