އދ. ދިގުރަށުގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ގާތުން ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެޗްއާރްސީއެމުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ރޭ އދ. ދިގުރަށުގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާ އެ ކޮމިޝަނުން އަޑުއެހީ ނުހަނު ހިތާމައާއެކުގައި ކަމަށެވެ.
އަދި އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އެ ކޮމިޝަނުގެ ފަރާތުން ވަނީ ތައުޒިޔާ ކިޔާފައެވެ.
އަދި މި ހާދިސާގައި އަނިޔާވި ފަރާތްތަކުގެ ހާލަތާއި އެ ހާދިސާގެ ވަށައިގެންވާ ކަންތައްތަކުގެ ތެރޭގައި އެއްވެސް އިންސާނީ ހައްގެއް ގެއްލި ނުވަތަ ހަނިވާނެ ފަދަ ކަމެއް ހިނގާފައިވޭތޯ އެ ކޮމިޝަނުން ގާތުން ބަލަމުންދާކަމުގައި އެޗްއާރްސީއެމުން ވަނީ ހާމަކޮށްފައެވެ.
ދިގުރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު ނިޔާވެ، ތިން މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

