ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު އިއުލާނު ކޮށްފިއެވެ.
އާއްމު ސިއްހަތާ ގުޅޭ ކަންކަމުގައި ގޮތް ނިންމާ އެންމެ އިސް އެއް މަގާމު ކަމަށްވާ, ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރީ، އެ މަގާމުގައި ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ ޖަނަވަރީ އަށެއްގައި ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ސީއެސްސީން ކުރި އިއުލާނެއްގައި ބުނީ، އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަން ބޭނުންވާ ކަމަށާއި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުވަރީ 11 ވަނަ ދުވަހު 14:00 ގެ ނިޔަލަށް އޮންނާނެ ކަަމަށެވެ.
އެ މަގާމަށް ބޭފުޅަކު ނަގަނީ، ދާއިމީ ކޮށް، ރޭންކު ދިހައެއްގައެވެ. އެ މަގާމުގެ އަސާސީ މަހު މުސާރައަށް 21،844 ރުފިޔާ ލިބޭއިރު، އެލަވަންސްތައް ވެސް ލިބެއެވެ.
މިގޮތުން، މަހަކަށް 12،534 ރުފިޔާ މަގާމުގެ އެލަވަންސާއި ހާޒިރުވާ ދުވަހަކަށް 339 ރުފިޔާއާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތާއި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބެއެވެ.
އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަށް މެއިލް ކުރުމަށް އެ އިއުލާނުގައި ވެއެވެ. އެ އިއުލާނުގައިވާގޮތުން އެ މަގާމަށް ހޮވާ ފަރާތަކަށް މުސާރަ އާއި އެލަވެންސްގެ ގޮތުގައި 40،000 އަށްވުރެ ބޮޑު މުސާރައެއް ލިބޭނެއެވެ.
ހެލްތު މިނިސްޓްރީގައި އެކި މަގާމުތައް ފުރުއްވި މައިމޫނާ، އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 17، 2016 ގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް އިއިރު، މައިމޫނާ ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ފާހަގަކޮށްލެވޭ ފަދަ އެތައް ހިދުމަތްތަކެއް ކުރައްވައިފައެވެ.
މައިމޫނާގެ އެންމެ ބޮޑު މަސައްކަތެއް ފެނުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ދުވަސްވަރު ރާއްޖެ އިން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދިޔައީ މައިމޫނާގެ އިރުޝާދުގެ ދަށުންނެވެ. އެ ފިޔަވަޅުތަކުގެ ސަބަބުން ބައެއް ފަރާތްތަކުގެ ފާޑު ކިއުން އަމާޒު ކުރި ނަމަވެސް ބަލިން ރާއްޖެ ސަލާމަތްވުމަށް ކުރި މަސައްކަތަށް ޑަބްލިއުއެޗްއޯއިން ވެސް ވަނީ ތައުރީފްކޮށްފައެވެ.

