ކ. ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) މޮޑެލްގެ ދަށުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢެއް ފަރުމާކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ، އިން ބުނީ އެ (ވުޒާރާ) ގެ ފަރާތުން، ކ. ކާށިދޫގައި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގެ މަޝްރޫޢެއް ފަރުމާކޮށް، ތަރައްޤީކޮށް އަދި ހިންގާނެ ޤާބިލު ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ނުވަތަ ޖަމްޢިއްޔާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އިސްނެގުމަކީ ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި، އަދި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ހޮވޭ ފަރާތަކުން، މޫސުމީ ބަދަލުތަކަށް ހޭނިފައިވާ، ވިޔަފާރީގެ ގޮތުން ފައިދާހުރި އަދި ރަށު ފެންވަރުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، ޤައުމީ ކާނާގެ ރައްކާތެރިކަމުގެ މަޝްރޫޢަށް އެއްބާރުލުން ލިބޭނެފަދަ ނަމޫނާ ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ކަރުދާހާއި އެއާ ގުޅޭ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕްރޮޕޯޒަލް ހުށަހެޅުއްވުމަށާއި، ދަނޑުވެރިކަމުގެ ޓެކްނޮލޮޖީ ބޭނުންކުރުމާއި، އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި (Value addition)، ރަށު ފެންވަރުގައި ވަޒީފާގެ ފުރުޞަތުތައް އުފެއްދުމުގެ އިތުރުން ދަނޑުވެރިންނާއި ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް އިސްކަންދޭ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
