ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މިއަދުން ފެށިގެން ބޭއްވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް ގާއިމުކޮށް ފަސޭހަކުރުމަށްޓަކައި ސޮއިކުރެވުނު އެއްބަސްވުމާއި ގުޅޭގޮތުން އެކްސަގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ، އެއްބަސްވުމާއެކު އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދު އެއާލައިންތަކުން ދަތުރުފަތުރު ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ. މީގެ ސަބަބުން ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން އައު ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގެ ލުއިފަސޭހަ ނިޒާމެއްގާއިމްކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ވައިގެ މަގުންނާއި ކަނޑު މަގުން ގުޅާލުމުގެ މުހިންމު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިއަދު މިވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑުގެ ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް، ރީޖަނަލް ޑިވެލޮޕްމަންޓް، ކޮމިއުނިކޭޝަންސް، ސްޕޯޓް އެންޑް ދި އާޓްސްގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އިތުރު އެެއާލައިންތައް ގެނެސް ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު އެފްރިކާއާއި އޭޝިޔާގެ އައު އެއާލައިންތައް ގެނައުމާއެކު، ރަޝިޔާއާއި އިންޑިޔާ އަދި ޗައިނާ ފަދަ ގައުމުތަކުގެ އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

